ދަރަނިތައް ދައްކައި ތެޔޮ އިމްޕޯޓު ކުރަނީވެސް ފައިސާ ޗާޕުނުކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ލ.މާވަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުޢިއްޒު މިއަދު ވިދާޅުވީ ރާއްޖެ އިގްތިސާދީ ގޮތުން މިހާރުއޮތް ހާލަތުގައި ފައިސާ ޗާޕްނުކޮށް ކުރިއަށް ދިއުމުގެ ދަތިކަން އިޤްތިޞާދީ ދާއިރާގައި އުޅުއްވާ ބޭފުޅުންނަށް އެނގިލައްވާނެ ކަމަށެވެ.

ނަމަވެސް ސަރުކާރުން މިހާރު ވަނީ ތަރައްޤީގެ ކުދި މަޝްރޫއުތައް ފަށާފައި ކަމަށާއި ތަރައްޤީގެ ބޮޑެތި މަޝްރޫއުތައް ޖޫން ޖުލައިގައި ފެށޭނެ ކަމަށްވެސް ރައީސް ޑރ. މުޢިއްޒު މިއަދު ވިދާޅުވިއެވެ. އަދި އެމަސައްކަތްތައް ހިންގަވާނީ ފައިސާ ޗާޕް ނުކޮށްކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ރާއްޖެއަށް ބޭނުންވާ ތެޔޮ އިމްޕޯޓުކޮށް ދަރަނިތައްވެސް ޚަލާސް ކުރަމުންދަނީ ފައިސާ ޗާޕް ނުކޮށްކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

“އޭޕްރީލް މަހުގެ ނިޔަލަށް ދައްކަން ހުރި ބޭރުގެ ދަރަނިތައް ޑެޑްލައިނަށް ދައްކަމުން މިގެންދަނީ. އެއްވެސް އެއްޗެއް ނުދައްކާ ނުބާއްވަން. އަނެއްކާ ތެލަށްވެސް ފައިސާ ދައްކަމުން މިދަނީ ފައިސާ ޗާޕްނުކޮށް.” ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ ބޭރުގެ މާލީ އިދާރާތަކުން ރާއްޖޭގެ އިޤްތިޞާދީ މޮޑެލްއަށް ތަޢުރީފު ކުރަމުންދަނީ މި ސަރުކާރުގެ ހަރުދަނާ އިޤްތިޞާދީ ސިޔާސަތުގެ ސަބަބުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން