ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ލ. ގަމަކީ ހައުސިންގެ އެންމެ ބިޔަ އެއް މަޝްރޫޢު ހިންގާ ރަށަކަށް ވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ހައްދުންމަތީ ގަމުގެ ރައްޔިތުންނާއި މިއަދު ހަވީރު ބައްދަލު ކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ގެދޮރުވެރިކަން ކުރިޔަށް ގެންދިއުމުގައި ވެސް ބިންބޮޑު ޖާގަ އޮތްތަންތަނަށް އިސްކަންދެއްވާނެކަމަށެވެ. އެގޮތުން ގަމަކީ އެންމެ ގިނަ ހައުސިން މަޝްރޫއުތަށް ހިންގާ އެއްރަށައް ވެގެންދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގަމަކީވެސް ބޯހިޔާވަހިކަމުގެ މައްސަލަ ދިމާވެފައިވާ ރަށަކަށްވާތީ މިހާރު ވެސް 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެެ.

ހަމައެއާއެކު ސަރުކާރުން ފަސް އަހަރުގެ ތެރޭގައި 40،000 ހައުސިން ޔުނިޓް އެޅުމަށް ކުރާ މަސައްކަތުގައި އެ ރަށުގައި އަޅާ ހައުސިން ޔުނިޓްތަކުގެ އަދަދު އިތުރުކުރައްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ ތަރައްޤީގެ ކަންކަން އަމަލީގޮތުން ކުރިޔަށްގެންގޮސްދެއްވައި ގަމުގެ ރައްޔިތުން އެދޭ ތަރައްޤީގެ ހުރިހާ ކަމެއްވެސް ފުރިހަމަ ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް ގަމު ރީޖަނަލް ހޮސްޕިޓަލް އެންމެ މަތީ ފެންވަރުގެ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ހަދައިދެއްވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ހަމައެއާއެކު ސަރުކާރުގެ ވިސްނުމަކީ އެ މަޝްރޫއު މެޑިކަލް ޓޫރިޒަމާއި ގުޅުވައިގެން ކުރިއަށް ގެންދިއުން ކަމަށާއި ސިއްހީ ހިދުމަތުގައި ގަމަކީ ވަރުގަދަ ރަށަކަށް ހައްދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއީ ރާއްޖޭގައި އެންމެ މަތީ ފެންވަރުގައި ތަރައްގީ ކުރަން ނިންމާފައިވާ ހަތަރު ފަސް ހޮސްޕިޓަލްގެ ތެރެއިން މި ރަށުގައި ތަރައްގީ ކުރާނީ އެ ފެންވަރުގެ ހޮސްޕިޓަލެއް،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ގަމުގައި އިންޓަރނޭޝަނަލް މެންޓަލް ހޮސްޕިޓަލެއް ޤާއިމުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ހައްދުންމަތީ ގަމަކީ ރައީސް މި ދަތުރުފުޅުގައި ވަޑައިގެންނެވި އެންމެ ފަހު ރަށެވެ. އެ ދަތުރުފުޅު ނިއްމާލެއްވުމަށް ރައީސް މިރޭގެ ވަގުތެއްގައި އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން