މިހާރު ކުރިއަށްދަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އެންމެ ފަހު ބެޗް ބޭލުމުގެ މަސައްކަތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގެ ތިން ސަރަހައްދެއްގައި 89 އިންޑިއާ ސިފައިން ތިއްބެވެ.

އައްޑޫ ސިޓީގައި ރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.

އެގޮތުން މިހާރު ކުރިއަށްދަނީ ރާއްޖޭގައި ގާއިމްވެތިބި އިންޑިއާ ސިފައިންގެ އެންމެ ފަހު ފައުޖު ބޭލުމުގެ މަސައްކަތްކަމަށާއި، 9 އޭޕްރިލްގައި އިންޑިއާ ސިފައިންގެ ދެވަނަ ފައުޖު ރާއްޖެއިން ފޮނުވާލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

“އެހެންވީމަ ތިން ޕްލެޓްފޯމްގެ ތެރެއިން ދެ ޕްލެޓްފޯމްއިން ދިޔައީ. މިތާ ތިބި ހުރިހާ ސިފައިން ދިހައެއް މޭއިގެ ކުރިން ފައިބާނެ.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ، އެގައުމުގެ ސަރުކާރާއެކު ބޭއްވި މަތީ ފަންތީގެ މަޝްވަރާތަކަށްފަހު ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.

ހަމައެއާއެކު ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން މީގެ ކުރިން އަމިއްލައިން ބެލެހެއްޓިފައި ނުވާއިރު 24 ގަޑިއިރު މިހާރު ކަނޑުގެ ސަރަހައްދު ބަލަހައްޓަނީ ދިވެހިންކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މި ބީދައިން ވިދާޅުވެފައިވާއިރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފުރަތަމަ ފައުޖު ބާލާފައިވަނީ މާރޗްމަހުގެ ދެވަނަ ހަފްތާގެ ތެރޭގައެވެ. ސަރުކާރުން ބުނެފައިވަނީ އިންޑިއާ ސިފައިންގެ އެންމެ ފަހު ފައުޖު އަންނަ މެއިމަހުގެ 10 ވަނަ ދުވަހު ރާއްޖެއިން ފުރާނެ ކަމަށެވެ.

އިންޑިއާ ސިފައިންގެ ބަދަލުގައި ގެނައި އިންޑިއާގެ މަދަނީން ރާއްޖޭގައި ތިބޭނީ ދެ އަހަރު ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން އިންޑިއާ ސިފައިން އޮޕަރޭޓް ކުރަމުން އައި ވައިގެ އުޅަނދުތައް ބަލަހައްޓަން އެގައުމުގެ 26 މަދަނީން މިހާރު ވަނީ ރާއްޖެ އައިސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން