ދިއްދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރ އަބްދުﷲ ރަޝީދު
ދިއްދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރ އަބްދުﷲ ރަޝީދު
ހަމައެކަނި ޕާޓީގެތަކަށް ކަރަންޓު ދޫކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތު ނޫން ކަމަށް ވެރިކަން ކުރާ ކޮންގްރެސް ކޯލިޝަނުން ހާމަކޮށްފިއެވެ.

ޕީއެންސީން މިކަން ހާމަކޮށްފައި ވަނީ ހއ. ދިއްދޫގައި ހަމައެކަނި ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންގެ ގެތަކަށް ކަރަންޓު ދިނުމަށް މި ސަރުކާރުން އެ ރަށު ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރަކަށް ހަމަޖެއްސި އަބްދުﷲ ރަޝީދު ރޭ ގޮވާލުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޕީއެންސީން ބުނެފައިވަނީ ރޭ ދިއްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ފެނަކައިގެ އެސިސްޓެންޓް މެނޭޖަރުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ރަޝީދު "ކަރަންޓު ހަމައެކަނި ދޫކުރަންވީ ޕާޓީގެތަކަށް" ކަމަށް ބުނެ ދެއްކި ވާހަކަތައް ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށާއި އެއީ ސަރުކާރުގެ ސިޔާސަތު ނޫން ކަމަށެވެ.

“އޭނާ ދެއްކި ވާހަކަތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތެއްނޫން. އަދި މި ޕާޓީގެ ސިޔާސަތެއްވެސް ނޫން. ރައީސް މުޢިއްޒުގެ ސިޔާސަތަކީ ވަކި ފިކުރަކަށް ނުބަލާ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ސިޔާސަތެއް ކަމުގައި ދަންނަވަން.” ޕީއެންސީން ބުނެފައިވެއެވެ.

މަޖިލިސް އިންތިހާބުގައި ދިއްދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުލް ލަތީފް މުހައްމަދުގެ ކެމްޕޭން ޖަލްސާގައި އަބްދުﷲ ރަޝީދު ބުނީ ކަރަންޓު ކެނޑޭ ވާހަކަ ދައްކާއިރު، ކަރަންޓު ދޭކަންވެސް ނަސީބެއް ކަމަށާއި ކަރަންޓު ދޫކުރަންވީ ގެތަށް ބަލާފައި ވަކިވަކިން ކަމަށެވެ.

“ކަރަންޓް ދޭކަން ނަސީބެއްނު. މި ގެތައް ބަލާފައި ވަކިވަކިން ކަރަންޓް ދޫކުރަންވީ. ސީދާ ޕާޓީ މީހުންނަށް އެކަނި ކަރަންޓު ދޫކުރަންވީ އިންތިހާބު ނިމެންދެން” އަބްދުﷲ ރަޝީދު ބުނެފައިވެއެވެ.

އޭގެ އިތުރުން އަބްދުﷲ ރަޝީދު ބުނީ ފެނަކައިގެ ވަޒީފާއަށް މުވައްޒަފުން ވައްދާނެ ކަމަށާއި، އެ މީހުން ދާއިމީވެސް ކޮށްދޭނެ ކަމަށެވެ.

އަބްދުﷲ ރަޝީދު މިމޭރުމުން ވާހަކަ ދައްކާފައި ވާއިރު ޅ. ފެލިވަރު މަސް ފެކްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުން ސަރުކާރު ކެންޑިޑޭޓަށް ވޯޓު ދޭން މަޖުބޫރު ކުރުވަން ހިންނަވަރު ދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުގެ ކެމްޕޭނު ޖަލްސާގައި ގޮވާލި މައްސަލަ އިލެކްޝަންސް ކޮމިޝަނުން ގެންދަނީ ބަލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން