ބޭރަށްހިންގުން ޖެހިގެން މިދިޔަ މަހު 5،428 މީހުން ރިޕޯޓު ކޮށްފައިވަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބޭރަށްހިންގުން ޖެހިގެން މިދިޔަ މަހު 5،428 މީހުން ރިޕޯޓުކޮށްފައިވާއިރު، ފެބްރުއަރީ މަހު ރިޕޯޓުކުރީ 5،149 މީހުންނެވެ.

އޭގެއިތުރުން ޑެންގީ ހުމާއި އަރިދަފުސް ރޯގާ ޖެހިފައިވާ މީހުންގެ ޢަދަދުވެސް މިދިޔަ މަހު ވަނީ އޭގެ ކުރީ މަހަށްވުރެ އިތުރުވެފައެވެ.

އެގޮތުން ޑެންގޫގެ އަލާމާތްތައް ހުރެގެން ފެބްރުއަރީ މަހު 116 މީހަކު ރިޕޯޓުކުރިއިރު، މިދިޔަ މަހު 119 މީހުން ވަނީ ޑެންގޫގެ ޢަލާމާތްތައް ހުރެގެން ރިޕޯޓުކޮށްފައެވެ.

އަދި އަރިދަފުސް ރޯގާ ޖެހިގެން ފެބްރުއަރީ މަހު 29،184 މީހުން ރިޕޯޓުކޮށްފައިވާއިރު މިދިޔަ މަހު 33،637 މީހުން ރިޕޯޓުކޮށްފައިވެއެވެ.

މިދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަ ދުވަސްވަރަކަށް ވުމުން ޢާއްމު ރޯގާގެ ބަލިތައް ފެތުރޭ ނިސްބަތް އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުމަށާއި ކެއްސާ ކިނބިހި އަޅާނަމަ އަނގަމައްޗާއި ނޭފަތުގައި ޓިޝޫއެއް ފަދަ އެއްޗެއް އެޅުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވެއެވެ.

އަދި، ބޭނުންކޮށްފައިވާ ޓިޝޫ ހާމައަށް އެއްލައި ނުލުމަށާއި ރޯގާ ޖެހިފައިވާނަމަ، ކުޑަކުދިންނާ ދުރުގައި އުޅުމާއި ކެއުމުގެ ކުރިން އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނި ލައިގެން އަތްދޮވުމަށާއި ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުން ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން