ލޯޔަރ ޝިޔާޒް (ވ)
ލޯޔަރ ޝިޔާޒް (ވ)
ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޛު ފޯރުވަނީ ކުރިންވެސް އެކަންކުރި އެމްޑީޕީން ކަމަށް ރައީސް ޔާމީންގެ ޤާނޫނީ ވަކީލް ޢަބްދުالله ޝިޔާޒް ވިދާޅުވެއްޖެއެވެ.

ވަކީލް ޝިޔާޒް މިއަދު ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމާއި ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން ރައީސް ޔާމީނާ ދެކޮޅަށް ހަގީގަތެއް ނެތް އިންޓެލިޖެންސް ރިޕޯޓުތަކެއްގެ މައްޗަށް ތުހުމަތުތަކެއް ކުރަން ފަށާފައިވާ ކަމަށެވެ.

އަދި އޭގެ ފަހުން ރައީސް ޔާމީންގެ މައްޗަށް ދައުވާތަކެއް އުފުލައި ކުރި ހުކުމާއި، ނޫމަޑި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލި ޖިނާއީ ދައުވާތަކަކީ އޭރު އޮތް އެމްޑީޕީ ސަރުކާރުން ރާވައިގެން ހިންގިކަމެއް ކަމަށް ޝިޔާޒް ވަނީ ތުހުމަތު ކުރަށްވާފައެވެ.

“ރައީސް ޔާމީނާއި ރައީސް ޑރ. މުޢިއްޒުގެ މައްޗަށް ހުށަހެޅި ޖިނާއީ ދައުވާތަކަކީ މިކަމުގެ ހެކިތަކެވެ. ރައީސް ޔާމީންގެ މައްޗަށް ނުޙައްޤުން ދައުވާކޮށް ޖަލަށްލީ އެމްޑީޕީގެ ސަރުކާރުން 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބް ކާމިޔާބު ކުރުމަށް ސިޔާސީގޮތުން ރައީސް ޔާމީނާއި ޕީޕީއެމް ޕީއެންސީގެ ވަތަނީ ފިކުރުގެ ލަޝްކަރު ބަލިކަށި ކޮށްލުމަށެވެ.” ޝިޔާޒް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން އޭރު ފޯރުވި ނުފޫޒުތަކޭ އެއްގޮތަށް، މިހާރު ވެސް ރައީސް ޔާމީންގެ ޝަރީއަތްތަކަށް ބާރުފޯރުވަނީ އެމްޑީޕީކަމަށް ޝިޔާޒް ވިދާޅުވިއެވެ.



ޝިޔާޒް މިމޭރުމުން ވިދާޅުވެފައި ވާއިރު ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް ނިންމާލީ މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށްވީ ނަމަވެސް ހުކުމް އިއްވުމަށް އަޑުއެހުން ބާއްވާނެ ތާރީހެއް އަދި ހައިކޯޓުން ކަނޑައަޅާފައެއް ނުވެއެވެ.

މިވަގުތު 11 އަހަރުގެ ޖަލު ޙުކުމެއްގައި ރައީސް ޔާމީން ހުންނެވި ނަމަވެސް އެމަނިކުފާނު ޙުކުމް ތަންފީޒު ކުރަށްވަމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ.

ޔާމީން ރަށު ބަންދަށް ބަދަލުކުރީ ރައީސް ޞާލިޙްގެ ވެރިކަމުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އަދި ކަރެކްޝަނަށް އެންގެވުމަށްފަހު މާލޭ ސަރަހައްދުގައި ހަރަކާތްތެރިވެ އުޅެވޭ ގޮތަށް އޮކްޓޯބަރު 28 ވަނަ ދުވަހު އެމަނިކުފާނަށް ލުއިތަކެއް ދީފައިވަނީ ބޭސްފަރުވާ ހޯދަން ހޮސްޕިޓަލަށް ވަޑައިގަތުމަށާއި ކަސްރަތު ކުރެއްވުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން