އޭޕްރީލް 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މާލެއިން ރަށްރަށަށްދާ ފުލުހުން ފުރަން ފަށައިފިއެވެ.



ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، އިއްޔެއިން ފެށިގެން ފުލުހުން ރަށްރަށް ފުރަން ފަށާފައިވާ ކަމަށެވެ. އަދި އިއްޔެ މާލެއިން ފުރާފައިވަނީ ދެކުނުގެ އަތޮޅުތަކުގެ ރަށްރަށަށް ދާ ފުލުހުން ކަމަށާއި ރޭ ފަތިހު މާލެއިން ފުރާފައިވަނީ އުތުރުގެ އަތޮޅުތަކުގެ ރަށްރަށަށް ދާ ފުލުހުން ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުން ހަރަކާތްތެރި ވަމުންދާނެ ކަމަށެވެ.

އަދި އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރަށްރަށުގައި ފުލުހުން ހަރަކާތްތެރިވަމުން ދާއިރު، އިތުރު ފުލުހުން ބޭނުންވެއްޖެ ހާލަތެއްގައި އެ ރަށަކަށް ފޮނުވުމަށް ފުލުހުންގެ ޓީމެއް ކޮންމެ ރީޖަނެއްގައި ވެސް ވަނީ ގާއިމުކޮށްފައެވެ.

މަޖިލީސް އިންތިޚާބުގެ ސަލާމަތީ ކަންކަން ކަށަވަރުކޮށް ބެލެހެއްޓުމަށް ފުލުހުން ދުރާލައި ތައްޔާރީތައް ވެފައިވާއިރު، އިންތިޚާބާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަން “ބްލޫ ޓައިޑް 2024” ގެ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މަޖިލީސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން