ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރަން ފެށި ފްލެޓުތައް ނިންމޭނީ އަދި އިތުރަށް 454.5 މިލިއަން ރުފިޔާ ލިބިގެން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

ހަމްދާން މިއަދު ވިދާޅުވީ ކުރީ ސަރުކާރުގެ 4000 ފްލެޓު މަޝްރޫއަށް ކަނޑައެޅި ސްކޯޕުގައި މުހިންމު ބައެއް ހިދުމަތްތައް ހިމަނާފައިނުވާތީ އެކަމަށް އިތުރު ފައިސާ ބޭނުންވާނެ ކަމަށެވެ.

އެގޮތުން ޓަވަރުތައް ކަރަންޓު ވިއުގައާ ގުޅުމާއި، ސެކިއުރިޓީ ސިސްޓަމް ގާއިމުކުރުމާއި ޓަވަރުތަކުގައި އުޅޭ މީހުންނަށް އިންޓަނެޓާއި މީޑިއާ ކަނެކްޝަން ދިނުމަށް ޖީޕީއޯއެން ނެޓްވޯކިން އެޅުމާއި ކުނި ނައްތާލުމުގެ ކަންކަމަށް އިތުރު ފައިސާ ބޭނުންވާނެ ކަމަށް ހަމްދާން ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ ސަރުކާރާ ގުޅިގެން އެ ފައިސާ ހޯދުމުގެ މަސައްކަތް އެފްޑީސީއިން ކުރަމުން އަންނަ ކަމަށެވެ.

މި މަޝްރޫއު ފަށައިގެން 22 މަސް ތެރޭގައި ޢިމާރާތް ކުރެވިފައިވަނީ މުޅި ޖުމުލަ 216 ފަންގިފިލާ ކަމަށާއި ނަމަވެސް، މި ސަރުކާރުން ފާއިތުވި ހަތަރު މަސް ތެރޭ 192 ފަންގިފިލާ ނިންމާފައިވާކަން ހަމްދާން ފާހަގަކުރެއްވިއެވެ. އެގޮތުން، މިހާރު މަހެއްގެ މައްޗަށް 10 ފަންގިފިލާއިން 48 ފަންގިފިލާއަށް މަަސައްކަތުގެ ރޭޓު ގޮސްފައިވާކަމަށް ހަމްދާން ވިދާޅުވިއެވެ.

ހަމްދާން މީގެކުރިން ވިދާޅުވެފައިވަނީ އެކުންފުނީގެ ޓާގެޓަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ހުރިހާ ޓަވަރެއްގެ މަސައްކަތް ނިންމާލުން ކަމަށެވެ. އަދި ޓައިމްލައިންގައި ޓަވަރުތައް ނިންމުމަށް 2025ގެ މާރޗް އޮތް ނަމަވެސް މަސައްކަތަށް މަޑުޖެހުމެއް ގެނައުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށްވެސް ޙަމްދާން ވިދާޅުވިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ 227 މިލިއަން ޑޮލަރުުން ޢިމާރާތް ކުރަމުންދާ 32 ޓަވަރުގެ ތެރެއިން 2،000 ފްލެޓް ހިމެނޭ 16 ޓަވަރު ޢިމާރާތް ކުރަމުންދަނީ އިންޑިއާގެ ޖޭއެމްސީންނެވެ. އަނެއް 2،000 ފްލެޓް ހިމެނޭ 16 ޓަވަރު އިމާރާތް ކުރަމުންދަނީ އިންޑިއާގެ އެންބީސީސީންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން