ކުޅުދުއްފުށީ ސިޓީއަށް މިހާރު ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބެންދެން ސްޓެލްކޯގެ އެހީތެރިކަން ފެނަކައަށް ލިބޭނެކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިރޭ ވިދާޅުވީ ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ހާލަތު ދެނެގަތުމަށާއި، އެކަން ރަނގަޅު ކުރުމަށް ފޮނުވި އެޑްވާންސް ޓީމް މިހާރު މާލެ އައިސްފައިވާކަމަށެވެ.

ނަމަވެސް، އޭގެ ބަދަލުގައި އެ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރެވެންދެން ސްޓެލްކޯއިން ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް އެ ކުންފުނީގެ 8 މުވައްޒަފުންގެ މައްޗަށް ހިމެނޭ ތަޖުރިބާކާރު ޓީމެއް ކުޅުދުއްފުށީގައި ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ކުރީ ސަރުކާރުގެ އިހުމާލުން ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުވަންދެން ފެނަކައަށް ސްޓެލްކޯގެ އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަގީންކަން ފަހުމީ ވަނީ ދެއްވާފައެވެ.

ކުޅުދުއްފުށިން ކަރަންޓް ކެނޑޭ މައްސަލަ ދިމާވެފައިވާތާ 2 މަހެއްހާ ދުވަސްވަނިކޮށް އާ އިންޖީނެއް ގެންގޮސް އަލުން ކަރަންޓު ދިނީ މިމަހުގެ 14 ގައެވެ. ނަމަވެސް ފަހުން ވެސް އެޗްވީ ކޭބަލްތަކެއްގައި ރޯވެ މުޅި ރަށުން ކަރަންޓް ކެނޑުނެވެ. އެ މައްސަލައިގައި އެ ރަށުގައި މަސައްކަތްކުރާ 3 މުވައްޒަފަކު މިހާރުވަނީ ސަސްޕެންޑް ވެސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން