ރައްޔިތުންގެ މަޖިލިހަށް ސަރުކާރުގެ ވިސްނުމުގެ ބޭފުޅުން ވަރަށް މުހިއްމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ދިވެހީންގެރާއްޖެ މަޖިލީހަށް" މިނަމުގައި ޕީއެންސީން ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެންޕެއިންގައި ފުވައްމުލަކު ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހާ ނުލާ ސަރުކާރަކަށް ކުރިއަށް ނުދެވޭނެ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސް މުޢިއްޒު ވަނީ އެދިވަޑައިގެންފައެވެ.

އޭގެއިތުރުން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ވިސްނުމުގެ ބޭފުޅުން މުހިއްމުވަނީ މުޅިރާއްޖެއާއި ފުވައްމުލަކު ސިޓީ ތަރައްޤީ ކުރުމަށް އެ ސިޓީގެ ރައްޔިތުން ދެކެމުން އަންނަ ހުވަފެން ހަޤީޤަތަކަށް ހެދުމަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރު މެމްބަރުންނަށް ވެސް ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

“އަޅުގަނޑު ރައްޔިތުންނަށް ވީ ވަޢުދަކީ ނަތީޖާ ނެރެދިނުމުގެ ވަޢުދު. އަޅުގަނޑު މިއަދުވެސް ތަކުރާރު ކުރާނީ އެ ވަޢުދު.” ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ ކުރާ ކޮންމެ ކަމެއްގައިވެސް އަދި ދައްކާ ކޮންމެ ވާހަކައެއްގައިވެސް ހުރިހާ ބޭފުޅުންވެސް އިޙްލާސްތެރިކަން އިސްކުރެއްވުން ކަމަށެވެ.

ހަމައެއާއެކު ޚިޔާލު ތަފާތުވުންތަކާއި ހިތްހަމަނުޖެހުންތައް އެއްކައިރިކޮށްލުމަށްފަހު، ޤައުމީ ކަމެއްގެ ގޮތުގައި މިސަރުކާރަށް މަޖިލިސް ހޯދައިދިނުމަށް ރޭގެ ޖަލްސާގައި ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް މުޢިއްޒު މިގޮތަށް އެދިވަޑައިގެންފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން