މިދިޔަ ރިޔާސީ އިންތިހާބާއި އިއްޔެގެ ރައްޔިތުންގެ މަޖިލިސްގެ އިންތިހާބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރެއްވީ ހުސްގޮނޑިއެއް ބަހައްޓަވައިގެން ނޫންކަން އެނގި ކަށަވަރުވެއްޖެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ސުޕަރ މެޖޯރިޓީ ވެރިކަންކުރާ ކޮންގްރެސް ޕާޓީން ކާމިޔާބުކުރުމާ ގުޅިގެން ރައީސް މުޢިއްޒަށް ތަހުނިހާ ފޮނުއްވަމުން ޤާސިމް ވިދާޅުވީ ޕީ.އެން.ސީން ހޯދި ސުޕަރ މެޖޯރިޓީއަކީ އެޕާޓީގެ ރައީސް، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދިވެހީންގެ މެދުގައި އޮތް އިތުބާރާއި، ޔަޤީންކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

ޤާސިމް ވިދާޅުވީ ސަރުކާރަށް އިންތިޚާބު ކާމިޔާބުވުމުގެ ފަހަތުގައި އޮތީ، ނުހަނު ހުޠޫރަތްތެރި ހާލަތެއްގައި، ނުހަނު އިޚްލާޞްތެރި ކަމާއެކު ރައީސް ޑރ މުޢިއްޒާއި އެމަނިކުފާނުގެ ޓީމު ކުރެއްވި ބުރަ މަސައްކަތްޕުޅުތަކުގެ ނަތީޖާ ކަމަށެވެ.

ހަމައެއާއެކު ރައީސް ޑރ މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރާއި ގުޅޭގޮތުން، ބައެއް ބޭފުޅުން ފަތުރުއްވަމުން ގެންދެވި އިހާނެތި ވާހަކަތަކާއި، މެދުކެނޑުމެއްނެތި ކުރިމަތި ކުރަށްވަމުން ގެންދެވި އަދި ގެންދަވާ ތުހުމަތުތަކާ، ކުރައްވަމުން ގެންދަވާ ހަޑިހުތުރު ޢަމަލުތައް ދިވެހި ރައްޔިތުން އެއްވެސް ވަރަކަށް ބަލައިނުގަންނަކަން އިއްޔެގެ ވޯޓުގެ ނަތީޖާއިން ދިވެހީން ދައްކުވައިދީފައިވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.

“އެ ކާމިޔާބަކީ ވަކި ބޭފުޅަކަށް ހުސްގޮނޑިއެއް ބަހައްޓަވައިގެން ކުރެއްވި މަސައްކަތްޕުޅުން ލިބުނު ނަތީޖާއެއް ނޫންކަން މިއަދު ރައީސް ޑރ މުޢިއްޒުއަށް ރައްޔިތުން ދެއްވި ތާއީދާއި، ދެއްވި ފުރިހަމަ މެޖޯރިޓީން އެވަނީ އެނގިކަށަވަރުވެފައެވެ. އެހެނީ މިފަދަ ބޮޑު ކާމިޔާބީއެއް ހޯއްދެވިއިރު އެއްވެސް ޖަލްސާއެއްގައި ހުސްގޮނޑިއެއްވެސް ނުވަތަ ވަކިބޭފުޅެއްގެ ފޮޓޯއެއްވެސް ބަހައްޓާފައިވަނިކޮށް ނުފެނެއެވެ.” ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ސަރުކާރަށް ފާޑުވިދާޅުވާ ބޭފުޅުން މަޖިލީހުގެ އިންތިޚާބަށް ނެރުއްވި އެއްވެސް ކެނޑިޑޭޓަކަށް އިންތިޚާބު ކާމިޔާބުވެފައި ނުވުމަކީވެސް ފެންނާން އޮތް ހަޤީޤަތެެއް ކަމަށެވެ. އަދި މަޖިލީސް އިންތިޚާބުގައި މާމިގިލީ ދާއިރާއަށް ޕީއެންސީން ކެނޑިޑޭޓަކު ނުނެރުއްވީތީ ޤާސިމް ވަނީ ރައީސް ޑރ. މުޢިއްޒަށް ޝުކުރު ދަންނަވާފައެވެ.

“ދިވެހި ޤައުމަށް އުޖާލާ މުސްތަޤްބަލެއް ގެނައުމަށް ރައްޔިތުންގެ އެންމެމަތީ ތާއީދު ހުރިހާ ސިފައެއްގައިވެސް ރައީސް ޑރ މުޢިއްޒަށް މިއަދު އެވަނީ ދިވެހިރައްޔިތުން އަރުވާފައެވެ. އެހެންކަމުން، އަޅުގަނޑުގެ ހެޔޮދުޢާއަކީ ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ވެރިކަމުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ބަރާކާތް ލައްވާ، އެމަނިކުފާނަށް ފުރިހަމަ ސިއްޙަތަކާއި ދިގު ޢުމުރުފުޅެއް މިންވަރުކުރައްވާ، ހެޔޮވިސްނުންދެއްވަވާ، އެމަނިކުފާނުގެ ޤައުމީ ޚިދުމަތުން މި ދިވެހި ވަޠަން ޖަރީވެގެން ދިއުމެވެ.” ޤާސިމް އިތުރަށް ވިދާޅުވެފައިވެއެވެ.

އިއްޔެ ބޭއްވި 20 ވަނަ މަޖިލީހުގެ އިންތިހާބުގައި މާލެ ސިޓީއާއި ފުވައްމުލަކާއި އައްޑޫސިޓީ އަދި ކުޅުދުއްފުށި ސިޓީއާއި ޖުމްލަކޮށް މުޅި ރާއްޖޭގެ ބޮޑު އަޣުލަބިއްޔަތެއް ވެސް ވެރިކަންކުރާ ޕީއެންސީން ވަނީ ހޯދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން