19 ވަނަ މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންގެ އިތުބާރެއް ނެތް ކަމަށާއި އެހެންކަމުން މަޖިލީހުން ކަންކަން ނިންމުން މަޑުޖައްސާލަން ޖެހޭ ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އާޒިމް ވިދާޅުވީ ރައްޔިތުންގެ ނިންމުމަށް މަޖިލީހުގެ މެންބަރުން އިޙްތިރާމް ކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން ނިމިގެންދިޔަ މަޖިލީހުގެ އިންތިޚާބުގައި މިހާރު މަޖިލީހުގައި ތިއްބެވި 90 އިންސައްތަ މެންބަރުންނަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މަޖިލީސް ދެމިއޮންނަން ޖެހޭތީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށާއި ނަމަވެސް މަޖިލީހުން އެއްވެސް ކަމެއް ފާސްކޮށް ނިންމުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ނުދެކޭ ކަމަށެވެ.

“މި މަޖިލީހުން ދެން ރައްޔިތުންނާ ގުޅޭ ކަންކަން ނިންމުމަކީ އެންމެ ބުއްދިވެރި ގޮތް ކަމުގައި އަޅުގަނޑު ނުދެކެން.” އަލީ އާޒިމް ވިދާޅުވިއެވެ.

ނަމަވެސް މަޖިލީހުގެ ރައީސް އަސްލަމް މިއަދު ވިދާޅުވީ މަޖިލީހުގެ ދައުރު ހަމަވުމާ ހަމައަށް މަޖިލީހުން ކަންތައްތައް ފާސްކޮށް ނިންމުމަށް ޤާނޫނީ ހުރަހެއް ނެތުމުން މަޖިލީހުގެ ހިންގުން އާއްމު އުސޫލާ އެއްގޮތަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރުން ސުޕަ މެޖޯރިޓީއެއް ކާމިޔާބު ކުރިއިރު، މަޖިލީހުގައި ގިނަ ދުވަސްވީ ނުފޫޒު ގަދަ މެމްބަރުންގެ ދައުރު ވަނީ ނިމުމަކަށް އައިސްފަ އެވެ.

އެގޮތުން ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓުން 66 ގޮނޑި ކާމިޔާބު ކޮށްފައިވާއިރު އެމްޑީޕީ އަށް ކާމިޔާބު ކުރެވުނީ 12 ގޮނޑިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން