ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު އިސްވެ އުފެއްދި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައި ރަޖިސްޓްރީކޮށްދީފި އެވެ.

ރައީސް ޔާމީންގެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މަލީހު ޖަމާލް މިއަދު ވިދާޅުވީ މާޒީގައި ވެދިޔަ ކަންތައްތަކަށް ފަރުވާލެއް ނެތް ކަމަށާއި އެޕާޓީ ކުރިއަށް ދާނީ ވަރުގަދަކޮށް ކަމަށެވެ.

ޕީއެންއެފް ރަޖިސްޓްރީ ކުރަން ހުށަހެޅީ ފެބްރުއަރީ މަހުގެ 27 ގައެވެ. އެ ޕާޓީގެ ދާއިމީ ސެނެޓެއް އިންތިހާބު ކުރެވެންދެން، ވަގުތީ ސެނެޓަށް ރައީސް ޔާމީން ހިމެނޭހެން 20 މީހުން ވަނީ އައްޔަންކޮށްފައެވެ.

ޕީއެންއެފްގެ މަސްއޫލުވެރިޔަކީ އަދި ރައީސް އަކީ ރައީސް ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން އެވެ.

ޕީއެންއެފްގެ ކުލަތަކުގެ ގޮތުގައި އެޕާޓީން ފާސްކޮށްފައިވަނީ މަޑު ފެހި ކުލައާއި ނޫ ކުލަ އެވެ. އެ ދެކުލަ ހިމެނޭ ލޯގޯގައި ވަނީ ތަރިއަކާއި ހުޅެވި ހަނދެކެވެ.

ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އައިތާ ހަފުތާއެއް ނުވަނީސް ރައީސް ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އެއަށްފަހު، އަމިއްލަފުޅު ޕާޓީއެއް އުފައްދަވަން ހުށަހެޅުއްވުމުން އެ މަސައްކަތްކުރުމަށް އީސީން ހުއްދަ ދިނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ގައެވެ.

ރައީސް ޔާމީންގެ ޕާޓީ އިލެކްޝަންސް ކޮމިޝަނުން ރަޖިސްޓްރީ ކޮށްދީފައިވާއިރު ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިހާރުވަނީ ބާތިލު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން