އަލަށް ކެބިނެޓަށް ވަޑައިގަންނަވާ ބޭފުޅުންނަށް ފާޑު ކިޔުމަކީ މައްސަލައެއް ނޫން ކަމަށް އެމްއެންޕީގެ ނާއިބުރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިމޭރުމުން ވިދާޅުވީ ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލަށް މީސްމީޑިއާގައި ޢާއްމުން ފާޑު ކިޔަމުންދާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އެގޮތުން ޝަރީފް ވިދާޅުވީ އަލަށް ކެބިނެޓަށް ވަޑައިގަންނަވާ ބޭފުޅުންނަށް ފާޑު ކިޔުމަކީ މައްސަލައެއް ނޫން ކަމަށާއި، ވަޒީރުންގެ ޤާބިލުކަން މިނާނީ އެމީހެއްގެ މަސައްކަތުގެ ނަތީޖާއިން ކަމަށެވެ.

"އަހަރެން މިނިސްޓަރެއްގެ ޤާބިލުކަން ބަލަނީ އޭނާގެ އުފެއްދުންތެރިކަމުގެ ޚިޔާލުގެތެރެއިން ނަތީޖާ ދެއްކުމުން." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ފަތުރުވެރިކަމާބެހޭ ވަޒީރެއްގެ މައިގަނޑު އަމާޒަކަށް ވާން ޖެހޭނީ ފަތުރުވެރިކަމުގެ ސިނާޢަތަށް އެނދު އިތުރުކޮށް އެ ސިނާޢަތުގެ ޙިއްސާ ދިވެހިންނަށް ހޯދައިދިނުން ކަމަށެވެ. އޭގެ އިތުރުން ޓޫރިޒަމް މާސްޓަރ ޕްލޭނެއްގެ ދަށުން ހަލުވި ސްޕީޑްގައި އެ ސިނާޢަތް ކުރިއަށް ގެންދިއުމަކީވެސް އަމާޒަކަށް ވާންވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ނަމަވެސް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ފަތުރުވެރިކަމާބެހޭ ވަޒީރުގެ ކިބައިން އެފަދަ މަންޒަރެއް ނުފެންނަ ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރަށް މީސްމީޑިއާގައި އަމާޒު ވަމުންދާ ފާޑު ކިޔުންތަކަށް ރައްދު ދެއްވަމުން މިނިސްޓަރ ފައިސަލް ދާދިފަހުން ވިދާޅުވެފައިވަނީ، ފާޑު ކިޔުންތަކަށް ރައްދު ދެއްވަން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި ވަޒީރެއްގެ ޤާބިލުކަން ވަޒަން ކުރާނީ ފަސްއަހަރު ނިމުމުން ކަމަށާއި، ނުވަތަ ރައީސް ޙަވާލު ކުރަށްވާ ކަމެއް ނުކުރެވުމުން ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން