އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު
އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަރައްޤީގެ އެޖެންޑާއަށް އިންވެސްޓަރުންގެ ތަރުހީބު ދަނީ ބޮޑުވަމުން ކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިމޭރުމުން ވިދާޅުވީ، ސައުދީ އަރަބިއާގައި ބޭއްވި "ވޯލްޑް އިކޮނޮމިކް ފޯރަމް" ގައި ބައިވެރިވެ ވަޑައިގަތުމަށްފަހު މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.

އެގޮތުން މިިނިސްޓަރ ސަޢީދު ވިދާޅުވީ، ރައީސް މުޢިއްޒުގެ ތަރައްޤީގެ އެޖެންޑާއަށް އިންވެސްޓަރުންގެ ތަރުހީބު ދަނީ ބޮޑުވަމުން ކަމަށާއި އަދި ދާދިފަހުން ބޭއްވި މަޖިލީސް އިންތިޚާބުގެ ނަތީޖާ އާއެކު އިންވެސްޓަރުންގެ އެ ޔަޤީންކަން އިތުރުވެފައިވާ ކަމަށެވެ.

މިނިސްޓަރ ސަޢީދު ވިދާޅުވީ ރާއްޖެ ފަދަ ޤުދުރަތީ ގޮތުން ނާޒުކު ޤައުމުތަކަށް ދެމެހެއްޓެނިވި ތަރައްގީ ޙާސިލް ކުރެވޭނީ، ރާއްޖޭގެ ހިތްގައިމުކަމުން ހަމައެކަނި ހިތްހަމަޖެހުން ހޯދުމުގެ ބަދަލުގައި، އެކިއެކި އިންވެސްޓަރުންގެ ފަރާތުން ރާއްޖެ ތަރައްގީ ކުރާނެ ފިކުރާއި ފައިސާ އާއި، ޓެކްނޮލޮޖީ ފަސްނުޖެހި ފޯރުކޮށްދީގެން ކަމަށެވެ.

ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް އޮތް ޤައުމެއްކަން ފާހަގަ ކުރަށްވަމުން ވަޒީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އިއާދަކުރަނިވި ހަކަތައާ ގުޅުން ހުރި އަމާޒުތައް ހާސިލްކުރުން ކަމަށާއި، އެއީ ރާއްޖޭގެ އިގްތިސާދަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށެވެ.

މަޖިލިސް އިންތިޚާބުގައި ސަރުކާރަށް ބޮޑު ތާއީދެއް ލިބުމުން ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކަށާއި، ބޭންކުތަކަށް ރާއްޖެއާ މެދު ވަރަށް ބޮޑު ޔަގީންކަމެއް ލިބިފައިވާ ކަމަށް ސަޢީދު ވިދާޅުވެފައިވާއިރު މިދިޔަ މަޖިލީސް އިންތިޚާބުގައި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން ވަނީ 70 އަށްވުރެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން