ރަށްރަށުގައި އައު އިންޖީނުގެތައް އެޅުމުގެ މަސައްކަތް ސްޓެލްކޯއިން މިއަހަރު ފަށާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ދަޢުލަތުގެ މީޑިއާގައި ރޭ ވާހަކަފުޅު ދައްކަވަމުން ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ކަރަންޓްގެ ޚިދުމަތް ދެމުންދާ 33 ރަށުގައި ޒަމާނީ ފެންވަރުގެ އިންޖީނުގެތައް ބިނާކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ. އެގޮތުން ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި އިންޖީނުގެތައް ބަދަލުކުރުމުގެ މަސައްކަތްތައް ފެށުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ސްޓެލްކޯގެ ބައެއް އިންޖީނުގެތައް ހުރީ ރައްޔިތުން ދިރިއުޅޭ ސަރަހައްދުގައި ރައްޔިތުންނަށް ތުރާވާނެފަދަ ގޮތަށް ކަމަށެވެ.

އެގޮތުން އިންޖީނުގެތައް ހުންނަ ސަރަހައްދުގެ ސަބަބުން އަޑުގަދަވުމާއި ދުމުގެ އަސަރުކުރުމުގެ ސަބަބުން ރައްޔިތުންނަށް ދަތިވާކަން ފަހުމީ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މިވަގުތު އިންޖީނުގެތައް އެޅުމަށް ބިން ލިބިފައިވާ ރަށްރަށުގައި އައު އިންޖީނުގެތައް އެޅުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެކަމަށް ފަހުމީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަހަރު އިރާދަ ކުރެއްވިއްޔާ އެ ރަށްރަށުގަ އާ ޕަވަރ ހައުސްތައް އެޅުމުގެ މަސައްކަތް ކައުންސިލްތަކުގެ އެއްބާރުލުމާ އެއްކޮށް ކުރިއަށް ގެންދާނަން." ފަހުމީ ވިދާޅުވިއެވެ

ރޭގެ ޕްރޮގްރާމްގައި ފަހުމީ ވިދާޅުވީ އިންޖީނުގެތައް ބަދަލު ކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ރަށްރަށުގައި ބިން ނެތުން ކަމަށެވެ. ނަމަވެސް އޭގެތެރެއިން ބައެއް ރަށްރަށުގައި ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށް ދާކަމަށާއި، ބިން ހިއްކައި ޖާގަ ލިބުނުހާ އަވަހަށް އެ ރަށްރަށުގެ އިންޖީނުގެތައް ކައުންސިލްތަކާ މަޝްވަރާ ކުރުމަށްފަހު މީހުންނަށް ދަތިނުވާ ސަރަޙައްދުތަކަށް ބަދަލު ކުރަށްވާނެ ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން