ރައީސްގެ ވަޢުދު ފުއްދަވައި މީޑިޔާ ވިލެޖަށް ބޭނުންވާ ބިން ހުޅުމާލެއިން ހަމަޖައްސައިދީފިއެވެ.

އިންތިޤާލީ މަރުހަލާގައި ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި "ނޫސްވެރިންގެ ގުންޒަރު"ގައި ރައީސް މުޢިއްޒު ވަނީ މީޑިޔާ ވިލެޖެއް އުފައްދަވައި، ނޫސްވެރިންނަ ހިލޭ ސްކޯލާޝިޕްތަކެއް ހޯއްދަވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ދަޢުލަތުގެ މީޑިއާ އަށް ދެއްވި ބަސްދީގަތުމެއްގައި އެކަމަށް އިޝާރާތް ކުރަށްވައި ނައިބުރައީސް ހުސައިން ލަތީފް ވިދާޅުވީ ރައީސް މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މީޑިޔާތަކުގެ އޮފީސްތައް ގާއިމްކުރުމާއި މީޑިޔާ ވިލެޖަށް ބޭނުންވާ ބިން، ހުޅުމާލެއިން މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ހަމައެއާއެކު ސަރުކާރުން ނޫސްވެރިންގެ ޚިދުމަތުގެ އަގު އަބަދު ވެސް ވަޒަން ކުރާނެ ކަމަށާއި ނޫސްވެރިންނާއި މީޑިޔާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ކުރިއެރުމަށް ހުރި ދަތިތައް އިހްސާސުކުރެވޭ ކަމަށްވެސް ނައިބުރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ރައީސްގެ ވައުދުފުޅާ އެއްގޮތަށް ހުޅުމާލެއިން ބިން ހަމަޖެހިފައިވާ ކަމަށާއި، މީޑިޔާތަކުން ބޭނުންވާ ގޮތަށް އެތަނުގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެެއްސުމުގެ މަސައްކަތްވެސް ވަނީ ފެށިފައި ކަމަށެވެ.

"ރައީސްގެ ވައުދުފުޅާ އެއްގޮތަށް ހުޅުމާލެއިން މިހާރު ބިމެއް ހަމަޖައްސަވާފައިވަނީ. މީޑިއާތަކުން ބޭނުންވާގޮތަށް އެތަނުގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފެށިފައިވަނީ." ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، މީޑިޔާތަކުގެ ހިންގުމަށް އޮތް ގޮންޖެހުމަށް ޙައްލެއް ގެނައުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި، އޭގެ ތެރެއިން ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފުރަތަމަ ފަހަރަށް ކޮންމެ މީޑިއާއަކަށް ކޮންމެ ވެސް މިންވަރެއްގެ މާލީ އެހީ ހަމަޖެއްސޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން