މިދިޔަ އޭޕްރިލް މަހުގެ ފެން ބިލުން ޑިސްކައުންޓް ދޭން ނިންމާފައިވާކަން އެމްޑަބްލިއުއެސްސީން ހާމަކޮށްފިއެވެ.

ދަޢުލަތުގެ ފެން ކުންފުނިން އާންމުކުރި އިއުލާނެއްގައި ބުނެފައި ވަނީ ރަމަޟާން މަހުގެ، ގޭބިސީތަކުގެ ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓް ދޭން ސަރުކާރުން ނިންމުމާ ގުޅިގެން، ރޯދަ މަހުގެ ފެން ބިލާއި ކަރަންޓު ބިލަށް ޑިސްކައުންޓު ދީފައި ވާނީ މާޗް 11 އިން އެޕްރީލް 11 ގެ ނިޔަލަށް ފޮނުވާފައިވާ ބިލްތަކަށް ކަމަށާއި، މި މުއްދަތުގެ ތެރޭގައި 14.13 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދެވިފައިވާ ކަމަށެވެ.

އަދި އެއީ ޑޮމެސްޓިކް ކެޓަގަރީއަށް ބިލު ކުރެވިފައިވާ މިންވަރުގެ 24.5 އިންސައްތަ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ނަމަވެސް މި ބިލުތަކުގައި ރޯދަ މަހު ބޭނުން ކުރެވުނު ފެނާއި ކަރަންޓު ހިމެނިފައި ވަނީ އެކި މިންވަރަށް ކަމަށްވުމާއެކު ރޯދަ މަހުގެ ތެރޭގައި ފޮނުވި ބިލްތަކުގެ އިތުރުން ރޯދަ މަހުގެ ތެރޭގައި ބޭނުންކުރި ފެނާއި ކަރަންޓުގެ އަގަށްވެސް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޑިސްކައުންޓު ދިނުމަށް ނިންމަވާފައިވާތީ މިދިޔަ އޭޕްރީލް މަހުގެ ބިލްތަކަށް ޑިސްކައުންޓް ދޭނެ ކަމަށް އެމްޑަބްލުއުއެސްސީން ހާމަކޮށްފައިވެއެވެ.

އެމްޑަބްލިއުއެސްސީން އިތުރަށް ބުނީ އޭޕްރީލްމަހުގެ ފެން ބިލުން 10 އިންސައްތައިގެ ޑިސްކައުންޓް ދޭ އިރު އެ ބިލް މާޗް މަހުގެ ބިލަށް ވުރެ ބޮޑުނަމަ، އެ އަދަދު އިތުރަށް ކުޑަ ކުރާނެ ކަމަށެވެ. އަދި އެގޮތަށް ބިލްގެ އަދަދު މާޗް މަހުގެ ބިލާ އެއް ހަމަކުރާ އިރު އެ ބިލްގެ އަދަދު 10 އިންސައްތައަށްވުރެ ކުޑަ ނަމަ، އެ ބިލްގެ އަދަދު 10 އިންސައްތައާ ހަމައަށް ކުޑަ ކޮށްދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. އޭގެ އިތުރުން އަލަށް ފެން އަދި ކަރަންޓް ހިދުމަތް ދޭ ގޭބީސީތަކުގެ ބިލްތަކުން ވެސް 10 އިންސައްތަ ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ބިލްތަކަށް ގެނައި މި ބަދަލުތަކުގެ ތަފްސީލުތައް މިއަދުން ފެށިގެން އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރުންނަށް ފޮނުވަމުން ގެންދާނެ ކަމަށެވެ. އަދި މި ވަގުތު ބިލް ފޮނުވާފައިވާ ފަރާތްތަކަށްވެސް ޑިސްކައުންޓް ލިބުމުން ބިލަށް އަންނަ ބަދަލުތަކުގެ ތަފްސީލުތައް އާންމުކުރާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެމްޑަބްލިއުއެސްސީން މިގޮތަށް ނިންމާފައިވާއިރު ސްޓެލްކޯއިންވެސް ވަނީ ރޯދަ މަހުގެ ކަރަންޓުގެ ހިދުމަތުން 20 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން