މިހާރު ޢަމަލުކުރަމުން ގެންދާ ފެހި ގާނޫނުއަސާސީ ތަސްދީގުކުރެއްވި ވަގުތުކޮޅަކީ އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ފަހުރުވެރި އެއް ވަގުތުކޮޅު ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

2008 ވަނަ އަހަރުގެ އޮގަސްޓަ މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 10:32 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމް ތަސްދީޤް ކުރެއްވިި ޤާނޫނު އަސާސީއަކީ ރާއްޖޭގެ ތާރީޚްގައި އެކުލަވާލެވުނު 7 ވަނަ ޤާނޫނު އަސާސީއެވެ. އެ ދުވަހު ތަސްދީޤު ކުރެވުނު ރާއްޖޭގެ 7 ވަނަ ޤާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތް ފެށުނީ 19 ޖުލައި 2004 ގައެވެ. އެއީ ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޤާނޫނު އަސާސީ އިސްލާޙް ކުރެއްވުމަށް ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރެއްވުމުންނެވެ.

މި ޤާނޫނު އަސާސީ ރައްޔިތުންގެ ޚާއްޞަ މަޖިލިހުން ފާސްކުރައްވާފައިވަނީ 26 ޖޫން 2008 ގައެވެ. ޤާނޫނު އަސާސީ ތަސްދީޤު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައިވަނީ 30 ޖޫން 2008 ގައެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ވަގުތުކޮޅަކީ އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ފަހުރުވެރި އެއް ވަގުތުކޮޅު ކަމަށާއި ގާނޫނުއަސާސީގެ ފައިދާއާއެކު ހުރިހާ ދާއިރާއަކުން ރައްޔިތުންނަށް ކުރިއެރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.



ފެހި ޤާނޫނު އަސާސީއާއެކު ދައުލަތުގެ މުޅި ނިޒާމް ބަދަލުވިއެވެ. ވެރިޔަކު އިންތިހާބުކުރާ ގޮތުން ފެށިގެން ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ވާދަވެރި ސިޔާސީ މާޙައުލެއް އުފެދިގެން ދިޔައެވެ. ޤާނޫނު އަސާސީން ތިން ބާރު ވަކިކޮށްލަދިނެވެ. ރައްޔިތުންނަށް ކުރިން ނުލިބޭ އެތައް ޙައްޤަކާއި އެކު ޚިޔާލު ފާޅުކުރުމަށް ލިބުނު ފުރުސަތު ތަންމިނަށް ހުޅުވުނެވެ. ހަމަ އެއާއެކު ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްވެސް ލާޒިމްކުރިއެވެ.

މިހާރު އަމަލުކުރަމުން އަންނަ "ފެހި ގާނޫނުއަސާސީ" ގެ ދަށުން ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަން ނިމިގެންދިޔައެވެ. އެފަހަަރު ރައީސް މައުމޫނާ ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވީ އެމްޑީޕީގެ ފަރާތުން އިންތިޚާބުގައި ވާދަކުރެއްވީ މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.



ކިޔުންތެރިންގެ ހިޔާލު