ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލެއްވި ފަސްދޮޅަހަށް ވުރެ ގިނަ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހަށް 368 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު، އީސީގެ ރައީސް ފުއާދު މިއަދު ވިދާޅުވީ މިހާތަނަށް ފަސްދޮޅަހަށްވުރެ ގިނަ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައިވާ ކަމަށާއި، މިހާރުވެސް އިތުރު މާލީ ބަޔާންތައް ލިބެމުންދާ ކަމަށެެވެ.

އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގައިވާ ގޮތުން އިންތިޚާބާގުޅޭ މާލީ ކަންކަމާބެހޭ މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް އިންތިޚާބަށް ކުރިމަތިލާ ހުރިހާ ކެންޑިޑޭޓުންވެސް އިންތިޚާބު ނިމޭތާ 30 ދުވަހުގެ ތެރޭގައި އީސީއަށް ހުށައަޅަން ޖެހެއެވެ.

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވި ކެންޑިޑޭޓުންނަށް އެ މުއްދަތު ހަމަވާނީ 22 މެއި 2024 އަށެވެ.

މާލީ ބަޔާން ހުށަނާޅާފިނަމަ، ނުވަތަ މާލީ ބަޔާނުގައި ދޮގު މައުލޫމާތެއް ދީފިނަމަ، އެ ކެންޑިޑޭޓެއްގެ އަދަބަކީ، 1 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން ނުވަތަ ހަތްދިހަ ދެހާސް ރުފިޔާއިން ޖޫރިމަނާކުރުމެވެ.

ކެންޑިޑޭޓުންގެ މާލީ ބަޔާން އާންމުކޮށް ބެލޭނެހެން އީސީގެ ވެބްސައިޓުގައި ޝާއިއު ކުރާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން