މަރު ކޮމިޝަންގެ ރިޕޯޓުތައް ލިބުމުން އެ ރިޕޯޓްގައިވާ މައުލޫމާތުތައް ސަރުކާރުން ހާމަކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދާއި ޙަވާލާދީ ރާއްޖޭގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

ހީނާ މިހެން ވިދާޅުވެފައިވާއިރު، މަރާލައިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރި ރިޔާސީ ކޮމިޝަންގެ ހޯދުންތަކުގެ ތެރެއިން ސިއްރު ނުކުރާނެ މަޢުލޫމާތުތައް އެކަމުގެ މަސްލަޙަތު ހިމެނޭ އާއިލާތަކާ ހިއްސާ ކުރާނެކަމަށް ރައީސް ޞާލިޙްގެ ސަރުކާރުން އެކުލަވާލި މަރު ކޮމިޝަނުންވެސް ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މަރު ކޮމިޝަންގެ ރިޕޯޓުތައް ލިބުމުން އެ ރިޕޯޓުގައިވާ މައުލޫމާތުތައް ސަރުކާރުން ހާމަ ކުރާނެ ކަމަށެވެ. މަރު ކޮމިޝަންގެ ތަހުގީގުތައް އަދިވެސް ކުރިއަށް ދާތީ، އާއިލާތަކުގެ އެދުމުގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ކޮމިޝަންގެ މުއްދަތު މި މަހުގެ ނިޔަލަށް ދަންމަވާ ލައްވައިފައެވެ.

ހީނާ މިމޭރުމުން ވިދާޅުވެފައިވާއިރު މަރު ކޮމިޝަނުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ އާއިލާއިން، އެ މައްސަލަތަކާ ގުޅޭ ގޮތުން ކޮމިޝަނުން ނިންމާފައިވާ ރަސްމީ ރިޕޯޓްތައް ހޯދުމަށް ބޭނުންވާކަން އެނގޭކަމަށާއި، އަދި މި މައްސަލަތަކުގެ ތަހުގީގުން އެއްކުރެވިފައިވާ ހޯދުންތަކުގައި ގިނައީ ސިއްރު ހިފަހައްޓަންޖެހޭ މަޢުލޫމާތު ކަމަށެެވެ. ނަމަވެސް ކޮމިޝަނުން ގަސްތުކުރަނީ 31 މެއި 2024 ގެ ކުރިން ސިއްރުކުރަންޖެހޭ މަޢުލޫމާތު ސިއްރު ކުރުމަށްފަހު ރިޑެކްޓް ކުރެވިފައިވާ ރިޕޯޓްތަކެއް ނިންމުމަށްކަމަށް އެކޮމިޝަނުން ހާމަކޮށްފައިވެއެވެ.

މަރު ކޮމިޝަނުން ބުނީ ގާނޫނީ ގޮތުން ލާޒިމުކުރާ އުސޫލުން އެކޮމިޝަނުގެ ހުރިހާ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާއިރު، ސިއްރުކުރަންޖެހޭ މަޢުލޫމާތު ސިއްރު ކުރުމަށްފަހު ރިޑެކްޓް ކުރެވިފައިވާ ރިޕޯޓްތައް އާންމު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާނެކަމަށެވެ.

މީގެއިތުރުން، އެކޮމިޝަނުގެ ހުރިހާ ލިޔެކިޔުމަކާއި ރިކޯޑްތައް، އޭގެ ސިއްރުތައް ހިފެހެއްޓޭނެކަން ކަށަވަރުވާނެ ގޮތަށް ރައީސް އޮފީހާ ހަވާލުކުރުމަށް ތައްޔާރުވަމުން ދާކަމަށްވެސް މަރުކޮމިޝަނުގެ ބަޔާނުގައި ވެއެވެ. އެކޮމިޝަނުން ބުނީ ސިއްރުކުރާ ހޯދުންތަކަކީ، އެ މަޢުލޫމާތުތަކުގެ ސެންސިޓިވްކަމަށް ބަލައި ސިއްރުކޮށްފައިވާ މަޢުލޫމާތުތައް ކަމަށެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފަައްދާފައިވާ ރިޔާސީ ކޮމިޝަނަކީ ކުރީ ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް އިބްރާހިމް މުހަންމަދު ޞާލިޙް އުފެެއްދެވި ކޮމިޝަނެކެެވެ. އެ ކޮމިޝަން އުފެއްދުމަށް ފަހު، އޭރުގެ ސަރުކާރުން ބުނެފައިވަނީ ކޮމިޝަންގެ ތަހުގީގުތައް ދެ އަހަރުގެ ތެރޭގައި ނިންމާނެ ކަމަށެވެ.

ނަމަވެސް އޭރުގެ ސަރުކާރުގެ ދައުރު ނިމުނުއިރުވެސް މަރުކޮމިޝަނުން މައްސަލަތައް ބަލައި އޭގެ ރިޕޯޓުތައް ހާމަކުރެވިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން