ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ހެދުމަށް މިއަދު ޗައިނާ ސަރުކާރާ ހަވާލުކޮށްފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީއާއި ޗައިނާގެ އެމްބަސީއާ ދެމެދު ސޮއި ކުރެވުނު މި އެއްބަސްވުމާއެކު ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ހަދަން ޖެހޭ ފީސިބިލިޓީ ސްޓަޑީ ހެދުމުގެ މަސައްކަތް ފެށިގެން ދާނެ އެވެ.

ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޗައިނާއިން ދިވެހިރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ހިންގަވަން ނިންމެވި މަޝްރޫޢުއެކެވެ.

މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގަ އެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޗައިނާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޒިން އެވެ.

ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅަން ނިންމިކަން ސަރުކާރުން ހާމަކުރީ މިދިޔަ ޑިސެމްބަރު މަހުގެ 27ވަނަ ދުވަހު ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން