ލޯކަލް ކައުންސިލްތަކުގެ މަޤާމުތަކެއް ހުސްވެފައިވާތީ، ކުރިޔަށް އޮތް ކައުންސިލް ބައި-އިލެކްޝަން ތަކުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރުމުގެ ފުރުސަތަށް ހުޅުވާލައިފިއެވެ.

އެގޮތުން އެމްޑީޕީން ވަނީ، މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު ކަމަށާއި، ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެމްބަރު ކަމަށާއި، މައްޗަންގޯޅީ މެދު ދާއިރާގެ ކައުންސިލް މެމްބަރު ކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރައިމަރީއަށް ހުޅުވާލާފައެވެ.

މާލޭ ސިޓީ ކައުންސިލްގެ މި މަގާމުތައް ހުސްވީ އެ މަގާމުތަކުގައި ތިއްބެވި ކައުންސިލަރުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމާއި ގުޅިގެންނެވެ. އެގޮތުން ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރުކަމުގެ މަގާމުގައި ހުންނެވި އިބްރާހީމް ޝުޖާއު ވަނީ ބާރަށު ދާއިރާއަށް އިންތިހާބުވެ ވަޑައިގެންފައެވެ. ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު އައިފާން ވަނީ، ހަމަ އެ ދާއިރާގެ މަޖިލީސް މެންބަރުކަމަށް އިންތިހާބުވެ ވަޑައިގެންފައެވެ. އަދި މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލް މެންބަރު އަހްމަދު ޟަމީރު ވަނީ ހަމަ އެ ދާއިރާއަށް މަޖިލީހަށް އިންތިހާބުވެވަޑައިގެންފައެވެ.

އޭގެ އިތުރުން ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލް މެމްބަރު ކަމަށާއި، ޅ. އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމަށާއި، ފ. ބިލެއްދޫ ކައުންސިލް ރައީސްގެ މަޤާމަށާއި، ރ. ހުޅުދުއްފާރު ކައުންސިލް މެމްބަރުކަމަށް ވާދަކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެޕާޓީން ފުރުސަތު ހުޅުވާލާފައިވެއެވެ.

އެމްޑީޕީގެ ފަރާތުން އިންތިޚާބަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުށާއި ދަރަނީގެ ރިކޯޑް ސާފު ކުރުމަށްފަހު، ގޫގުލް ފޯމް މެދުވެރިކޮށް ޝައުޤުވެރިކަންފާޅު ކުރެއްވުމަށް އެމްޑީޕީއިން ވަނީ އެދިފައެވެ.

އެމްޑީޕީން އެދިފައިވަނީ 03 ޖޫން 2024 ގެ 14:00 ކުރިން އިންތިޚާބަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން