ރާއްޖޭގެ ރިސޯޓެއް
ރާއްޖޭގެ ރިސޯޓެއް
ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރުން ދިވެހިންނަށް މަނާކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ ކޯވިޑް-19 އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ މިނިސްޓްރީން ވަކިގޮތެއް އަންގަންދެން ރިސޯޓުތަކުގައި ދިވެހިން ޗުއްޓީ ހޭދަކުރުން މަނާކޮށްފައިވާ ކަމަށެވެ. އެގޮތުން ފަތުރުވެރިންނަށް ހިދުމަތްދެމުން އަންނަ އެއްވެސް ރިސޯޓެއް އަދި ޓޫރިސްޓު ފެސިލިޓީއެއްގައި ވެސް ދިވެހިން ޗުއްޓީ ހޭދަކުރުން މަނާވާނެ ކަމަށް ވަނީ ބުނެފައެވެ.

ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރ ބަންދު ކުރުމަށްފަހު، ތިން މަސް ދުވަހަށް ފަހު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައި ވަނީ ރިސޯޓުތަކުން އަމަލުކުރާނެ އައު އުސޫލަކާއި އެކުގައެވެ. އަދި ހިދުމަތް އަލުން ފެށުމުގެ ހުއްދަ ރިސޯޓުތަކަށް ދެނީ އާ އާންމު ހާލަތުގައި ރިސޯޓުތަކުން އަމަލުކުރާނެ ގޮތުގެ ޕްލޭން ވެސް މިނިސްޓްރީއަށް ހުށަހެޅުމުންނެވެ. އެގޮތުން މިހާތަނަށް 67 ރިސޯޓަކަށް ވަނީ ހުއްދަ ދީފައެވެ.

އެޗްޕީއޭ އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުގައި، މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން ހަ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ނުވަ މީހަކު ވެސް ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ.

އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިން ތިބެން ޖެހޭނީ އެމީހަކު ބުކިން ހައްދައިގެން އަންނަ ރިސޯޓެއްގައި ކަމަށާއި، އެއްރިސޯޓުން އަނެއް ރިސޯޓަށް ނުދެވޭނެ ކަމަށެވެ. އަދި އެ ބަޔާނުގައި އިތުރަށް ބުނީ ސަފާރީތަކުގައި އެކި ރިސޯޓުތަކުން ޓޫރިސްޓުން ނަގައިގެން ނުގެންގުޅެވޭނެ ކަމަށާއި، ސަފާރީތަކުގައި ޗުއްޓީ ހޭދަކުރެވޭނީ އެ ސަފާރީއެއްގައި ޗުއްޓީ ހޭދަކުރުމަށް ބުކިން ހައްދައިގެން އަންނަ ފަތުރުވެރިންނަށް އެކަނި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން