މަޖިލީހުގެ މެޖޯރިޓީ ޕާޓީ ޕީއެންސީގެ ޕީޖީ ގްރޫޕް
މަޖިލީހުގެ މެޖޯރިޓީ ޕާޓީ ޕީއެންސީގެ ޕީޖީ ގްރޫޕް
20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެ ވަޑައިގެންނެވި މެންބަރުން މިއަދު ހުވާކުރަށްވައިފި އެވެ.

އާ މަޖިލީހުގެ މެންބަރުން ހުވާކުރަށްވާފައިވަނީ އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ހާއްސަ ޖަލްސާގަ އެވެ. ވިހި ވަނަ މަޖިލީހުގައި 93 މެންބަރުން ހިމެނިވަޑައިގަންނަވަ އެވެ.

އިންތިޚާބީ މެންބަރުންނަށް ހުވާ ލައިދެއްވީ އުއްތަމަފަނޑިޔާރު އަހުމަދު މުޢުތަސިމް އަދުނާނެވެ. މެންބަރުން ހުވާކުރެއްވުމަށްފަހު ހުވާގެ އިގުރާރުގައި ވަނީ ސޮއިކުރަށްވާފަ އެވެ.

މި މަޖިލީހުގެ މެޖޯރިޓީ ޕާޓީއަކީ ޕީއެންސީންނެވެ. އެގޮތުން ޕީއެންސީގެ ޕީޖީގައި 75 މެންބަރުން ތިއްބަވާނެ އެވެ. ޕީއެންސީގެ ޕީޖީ ލީޑަރަކަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ކަނޑައަޅުއްވާފަ އެވެ. އަދި ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލާއި، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ ކަނޑައަޅުއްވާފަ އެވެ.

އާ މަޖިލީހުގެ މައިނޯރިޓީ ޕާޓީ އަކީ އެމްޑީޕީ އެވެ. މިދިޔަ މަހު ބޭއްވި އިންތިޚާބުގައި އެ ޕާޓީއަށް ކާމިޔާބު ކުރެވުނީ އެންމެ 12 ގޮނޑި އެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ އިންތިޚާބުކޮށްފަ އެވެ. އެ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރުންނަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދާއި މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ވަނީ އިންތިޚާބު ކޮށްފައެވެ.

މި މަޖިލީހުގައި މިނިވަން މެންބަރުންގެ ގޮތުގައި ތިއްބަވާނީ ދެ މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމުގެ ޖަލްސާ މިއަދު 10:15 ގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ. މަޖިލީހުގެ ރައީސްގެ މަގާމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިންތިޚާބު ކުރުމަށް ޕީއެންސީގެ ޕީޖީން ވަނީ ފާސްކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން