ކަނޑުގެ ދިރުންތައް އާލާކުރުމާއި މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ޗައިނާއާއެކު މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ކަމަށް މަސްވެރިކަމާއި، ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިކަމާބެހޭ ވުޒާރާއިން ބުނީ މަސްވެރިކަމާބެހޭ ވަޒީރު އަޙުމަދު ޝިޔާމް އާއި ޗައިނާގެ ސަފީރު ވާންގް ލިޝިން އާއި ޗައިނާގެ ފުޖިއަން ޕްރޮވިންސްގެ ޑިޕާޓްމަންޓް އޮފް އޯޝަން އެންޑް ފިޝަރީޒް ރިސޯސަސްގެ އިސް އޮފިޝަލުންނާއެކު އިއްޔެ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

ފުޖިއަން ޕްރޮވިންސަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ތަރައްގީކުރުމުގެ ދާއިރާއިން ޗައިނާގައި އެންމެ ކުރިއަރާފައިވާ އެއް ސަރަހައްދެވެ.

އިއްޔެ ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރ ޝިޔާމް ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގެ ގާބިލުކަން އިތުރުކުރުމާއި، މެރިކަލްޗާ ނުވަތަ ގުދުރަތީ މާހައުލުގައި ކަނޑުގެ ދިރުންތައް އާލާކުރުމާއި މަސްވެރިކަމަށް ރަނގަޅު ސަރަހައްދުތައް ބެލުމުގެ މަސައްކަތް ކުރުމުގައި ޗައިނާއާ ގުޅިގެން މަސައްކަތް ކުރުމަށް ސަރުކާރުގެ ޝައުގު އޮތްކަން ފާޅުކުރައްވައިފައެވެ.

އޭގެ އިތުރުން ރާއްޖޭގެ މަސްބަންދުކުރުމުގެ ސިނާއަތަށް އިންވެސްޓްމެންޓު ހޯދުމަށްވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފައެވެ.

ރާއްޖެއާއި ޗައިނާއިން މިފަދަ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާއިރު ރާއްޖޭގެ ތިން ސަރަހައްދެއްގައި މަސް ޕްރޮސެސްކުރާ ފެކްޓްރީތައް އެޅުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ޗައިނާގެ ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ މިދިޔަ މަހު ހަވާލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން