ޙައްޖު ކޯޕަރޭޝަންގެ އަމާޒަކީ 3 އަހަރުތެރޭ ޙައްޖުގެ އަގު ބައިލައްކަ އަށް ތިރިކުރުން ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ދަޢުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ޝަކީލް ވިދާޅުވީ، ރާއްޖެއިން މީހުން ޙައްޖަށް ދިއުމަށް ރައްޔިތުންކުރާ ހޭދަ ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއްކަމަށެވެ. އެހެންކަމުން ރައީސްގެ އެ ތަޞައްވަރު ޙަޤީޤަތަކަށް ހެއްދެވުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ޝަކީލް ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭން މިއަހަރު މީހުން ޙައްޖަށް ގޮސްފައިވަނީ 69،965 ރުފިޔާއަށް ކަމަށް ވީނަމަވެސް، ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ޙައްޖުގެ އަގު ބައިލައްކަ އަށް ތިރިކުރުމަށް މަސައްކަތް ކުރަށްވާކަމަށް ޝަކީލް ވަނީ ވިދާޅުވެފައެވެ.

ޝަކީލް ވިދާޅުވީ ޙައްޖު ކޯޕަރޭޝަނަކީ އަރަނީގައި ހިންގާ ކުންފުންޏަކަށް ހެދުމަށްޓަކައި ރިއަލްއެސްޓޭޓް ވިޔަފާރީގެ ދާއިރާއަށް ވަނުމުގެ މަސަައްކަތް ފަށާފައިވާ ކަމަށެވެ. އޭގެއިތުރުން އެކުންފުނިން ޢުމްރާއަށް ގެންދާ މީހުންގެ އަދަދު އިތުރުކޮށްގެން ނަމަވެސް ކުންފުނީގެ އާމްދަނީ އިތުރުކުރުމަކީ އަމާޒެއްކަމަށް ޝަކީލް ވިދާޅުވިއެވެ.

ޙައްޖު ކޯޕަރޭޝަނަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދުގެ އިސްނެންގެވުމާއިއެކު އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނި އުފެދުނު ފަހުން ޙައްޖާއި އުމްރާ ދަތުރުތަކަށް ބޮޑެތި ލުއިތަކެއް އައިސްފައިވާކަން ފާހަގަ ކުރެވެއެވެ.

ރާއްޖެއަށް މިއަހަރު ލިބުނު ހުރިހާ ޙައްޖު ކޯޓާއެއް ދީފައިވަނީ ޙައްޖު ކޯޕަރޭޝަނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން