އައްޑޫ ފެނުގެ މައްސަލަ ހައްލު ކުރުމަށް 256 މިލިއަން ރުފިޔާގެ މަޝްރޫއެއް ސަރުކާރުން ފަށާފައިވާކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވެއްޖެ އެވެ.

ސުޖާއު މިގޮތަށް ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލު ކުރެވިފައި ނުވާތީ، ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން މިއަދު ހުށައެޅި ކުއްލި މައްސަލާގެ ބަހުސްގައެވެ.

މައްސަލައިގެ ބަހުސްގައި ސުޖާއު ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ މައްސަލަ ދިމާވެފައިވަނީ، ފެނަކައިގެ ކުރީގެ މެނޭޖުމަންޓުގެ ހިޔާނާތާއި ހިންގި ކޮރަޕްޝަނުގެ ސަބަބުން ލިބުނު ގެއްލުމުގެ ނަތީޖާއެއްގެ ގޮތުންކަމަށެވެ. އެގޮތުން އައްޑޫ ފެނުގެ ނެޓްވޯކް އެއްވެސް ވަރަކަށް ބެލެހެއްޓިފައި ނެތްކަމަށް ސުޖާއު ވިދާޅުވިއެވެ.

މި ސަރުކާރުން ދަނީ އައްޑޫ ފެނުގެ ނެޓްވޯކް ރަނގަޅު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންކަން ފާހަގަ ކުރަށްވަމުން ސުޖާއު ވިދާޅުވީ މިސަރުކާރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އައްޑޫގެ ފެނުގެ މައްސަލަ ހައްލު ކުރުމަށް 256 މިލިއަން ރުފިޔާގެ މަޝްރޫޢެއް އެމް.ޑަބްލިއު.އެސް.ސީ އާ ހަވާލުކޮށްފައިވާކަމަށެވެ.

“އައްޑޫ ސިޓީ ހިތަދޫއާއި، އަދި ގުޅިފައިވާ ރަށްތަކުގެ ފެނުގެ ހިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ ނެޓްވޯކުގެ ފެނުގެ ސްޓޯރޭޖުތައް މެއިންޓަނެންސް ނުކުރުމުގެ ސަބަބުން ހުރީ ދަބަރަށް ގޮސް ހުސްވެފައި.” މިއަދުގެ ބަހުސްގައި ސުޖާއު ވިދާޅުވިއެވެ.

ސުޖާއު އިތުރަށް ވިދާޅުވީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުމަކީ އޭގައި ހަގީގަތެއް އޮތްކަމަށް ބަލަން ޖެހޭ ސަބަބެއް ނޫންކަމަށާއި އައްޑޫގެ ފެނުގެ ޙާލަތު ގޯސްވީ ފެނަކައިގެ ކުރީގެ މެނޭޖްމަންޓުން ކުންފުނި 4 ބިލިއަން ރުފިޔާއިން ދަރުވާލައި ސިޔާސީ ކަންކަމަށް ކުންފުނި ބޭނުން ކުރުމުން ކަމަށެވެ.

މަޖިލީހަށް އެމްޑީޕީން ހުށައެޅި ކުއްލި މައްސަލަ މިއަދު ބަލައިގެންފައިވަނީ 83 މެންބަރުންގެ ވޯޓުންނެވެ.



ކިޔުންތެރިންގެ ހިޔާލު


7

ކިޔުންތެރިއެއް

22-Jun-2024

ތިކަން ދިމާވީ ކުުއްލިއަކަށް ދޯ؟ އެހެން ވީމާކުއްލި މައްސަލައެއްގެގޮތުގައި ޖެހޭނީ ހަމަ ހުށަހަޅަން۔



ޓްރެންޑިން