ބިދޭސީންނާ ގުޅޭ އުސޫލް މުރާޖާކުރާތީ ބައެއް ހިދުމަތްތައް ދިނުން ލަސްވެދާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ދާޚިލީ ވުޒާރާއިން ބުނީ ބިދޭސީ މަސައްކަތްތެރިން ދިވެހިރާއްޖެއަށް ގެނައުމަށް މިހާރު ޢަމަލުކުރަމުންދާ ނިޒާމްގައި ހުރި މައްސަލަތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އެހެންކަމުން ބިދޭސީން ގެނައުމަށް އެދޭ ހުއްދަތަކުގެ ތެރެއިން ކޯޓާ ދޫކުރުމާއި، ވަރކް ޕަރމިޓް، ޑިޕޮޒިޓް ރީފަންޑް އަދި އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމުގައި އާންމު ގޮތެއްގައި ޚިދުމަތް ދެވޭ މުއްދަތަށްވުރެ ލަސްވުމަކީ އެކަށީގެންވާކަމެއް ކަމުގައި މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވެއެވެ.

އަދި މިކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް 1500 ގުޅުމަށް މިނިސްޓްރީން އެދިފައިވެއެވެ.

ދާޚިލީ ވުޒާރާއިން މީގެ ކުރިން ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް އަންނަ ޖުލައި މަހުގެ 31ގެ ކުރިން ދެެއްކުމަށް އަންގައިފައެވެ.

އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން ނުދައްކާކަން އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ވަޒީފާ ދޭ ފަރާތްތަކަށް ގާނޫނުން ލާޒިމްކޮށްފައިވާ ހުރިހާ ފީތަކާއި ޖޫރިމަނާތައް ޖުލައި 31ގެ ކުރިން ޚަލާސްނުކުރާނަމަ، ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމުގެ އިންޒާރު އެ ވުޒާރާއިން މީގެ ކުރިން ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން