ދަޢުލަތުން ޚަރަދުކުރާ ޖަމިއްޔާތަކުގެ ވެރިން ޖަވާބުދާރީ ކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ދަޢުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމްގެ އަމިއްލަ ބްލޮގްގައި ކުޅިވަރު ޖަމްޢިއްޔާތައް ޒިންމާދާރު ކުރުވުން -1 ސުރުހީގެ ދަށުން ޝާއިއުކުރައްވާފައިވާ ލިޔުމެއްގައި ޝަމީމް ވިދާޅުވީ ކުޅިވަރަކީ ކުޅިވަރެއް ނޫން ކަމަށާއި ކުޅިވަރު ކުޅިވަރަކަށް ހަދަނީ، ކުޅިވަރަކީ ކުޅިވަރެއް ނޫންކަން ނުދަންނަ މީހުން ކަމަށެވެ. އެގޮތުން ބައެއް މިސާލުތައް ޝަމީމް ވަނީ ދެއްވާފައެވެ.

ޝަމީމް ވިދާޅުވީ ކުޅިވަރު ޖަމްޢިއްޔާތައް، 2008 ގެ ކުރިން ހިންގަމުން އައީ، ސަރުކާރުން ޢައްޔަންކުރި މީހުން ކަމަށެވެ. އެހެންކަމުން އެއީ ކުޅިވަރަށް ޚިދުމަތެއް ކުރުމުގެ ޝައުޤެއް އޮވެގެން، ނުވަތަ އެ ކުޅިވަރެއްގައި ޝާމިލުވާ ބައެއްގެ ރުހުމާއި ތާއީދު އޮވެގެން ތިބި ބައެއް ނޫންކަމަށް ޝަމީމް ވިދާޅުވިއެވެ.

ނަމަވެސް މިހާރު ކުޅިވަރު ޖަމްޢިއްޔާތައް "މިނިވަން" ވުމުގެ މާނައަކީ ސަރުކާރަކަށް އެ ޖަމްޢިއްޔާތަކުގެ މައްޗަށް ބަހެއް ނުބުނެވޭނެ ސަބަބެއް ނޫންކަމަށް ޝަމީމް ވިދާޅުވިއެވެ.

“ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރާނަމަ، އިދާރާތަކުން އެމައްސަލައެއް ބަލާނެއެވެ. އެކަން ކުރަނީ ސަރުކާރުގެ މުވައްޒަފެއްތޯ، "މިނިވަން" ޖަމްޢިއްޔާއެއްގެ ރައީސްތޯއެއް އެ ތަނަކުން ނުބަލާނެއެވެ. ބަލަނީ ކާކުގެ ފައިސާއެއްތޯއެވެ. ރައްޔިތުންގެ ފައިސާނަމަ، އެ ފައިސާ ޚަރަދުކުރާނެ ހަމަތަކެއް ހުންނާނެއެވެ. އެ ހަމަތަކާ އެއްގޮތަށް ޢަމަލުކުރާކަން ކަށަވަރުކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ.“ ޝަމީމް ލިޔުއްވާފައިވެއެވެ.

އެގޮތުން ޤައުމީ ކުޅިވަރު ޖަމްޢިއްޔާތަކަށް ސަރުކާރުން އޮފީހަކާއި ވަކި ޢަދަދަކަށް މުވައްޒަފުން ހަމަޖައްސައިދޭ ކަމަށާއި ޖަމްޢިއްޔާ ހިންގުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ޚަރަދުކުރާކަން ޝަމީމް ފާހަގަ ކުރެއްވިއެވެ. އޭގެ އިތުރުން ޖަމިއްޔާތަކަށް ދޫކޮށްފައިވާ ކުޅިވަރު ކުޅޭ ބިންތަކަށް ސަރުކާރުން ކުލި ނުނަގާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

އެހެންކަމުން ކުޅިވަރު ޖަމްޢިއްޔާއަށްދޭ ފައިސާ ބޭނުން ގޮތަކަށް ޚަރަދުކޮށްފައި، ތިމަންނާއަކީ 'މިނިވަން' މީހެއްކަމަށާއި، ތިމަންނާއަކީ "އެއްވެސް މުސާރައެއް ނުވަތަ އުޖޫރައެއް ލިބޭ މީހެއް ނޫންކަމަށް" ބުނެ ދިފާޢެއް ނުނެގޭކަމާއި، އެހެން ބުނެގެން ފަރުނުޖެއްސޭނެކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

“ފައިސާ ދޭނަމަ، އެފައިސާއިން ނެރެދޭންޖެހޭ ނަތީޖާއެއް އޮންނާނެއެވެ. އެއީ މިނިވަންކަން ގެއްލުމެއް ނޫނެވެ. 'މިނިވަން' ކަން އެ ގޮތަށް ބޭނުންވާނަމަ، ކުޅިވަރުކުޅެން ދޫކޮށްފައި ހުރި ބިންތަކަށް މާކެޓް ރޭޓުގައި ކުލިވެސް ވާނީ ދައްކާށެވެ.” ޝަމީމް ލިޔުއްވާފައިވެއެވެ.

ޝަމީމް އިތުރަށް ވިދާޅުވެފައިވަނީ ޖަމްޢިއްޔާ ޖަވާބުދާރީ ކުރުވިފައި، ޖަމްޢިއްޔާ ތަމްސީލުކުރާ ރައީސް ޖަވާބުދާރީ ނުކުރުވޭނެކަމަށް ބުނުމަކީ ހެއްވާ ވާހަކައެއް ކަމަށެވެ. އެގޮތުން ފައިސާ ދިން މީހާ ޖަވާބުދާރީ ކުރުވާފައި، ފައިސާ ލިބުނު މީހާ ޖަވާބުދާރީ ނުކުރުވޭނެކަމަކަށް ނުބުނެވޭނެ ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ޝަމީމް މިފަދަ ލިޔުއްވުމެއް ޢާއްމު ކުރަށްވާފައިވާއިރު ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ހުންނަވައި މޫސާ ނާޝިދު، އެސޯސިއޭޝަންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގެ މައްސަލަތަކެއްގައި، އޭނާއާ ގުޅުންހުރި ތަންތަން ފުލުހުން ވަނީ ބަލައިފާސްކޮށްފައެވެ.

އޭގެ އިތުރުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ކޮރަޕްޝަންގެ މައްސަލަތަކެއްވެސް ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން