ފަރުދީގޮތުން އެންމެން ގުޅިގެން މޫދަށް ކުނިއެޅުން ނިމުމަކަށް ގެންނަންޖެހޭ ކަމަށް މަސްވެރިކަމާއި، ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޝިޔާމް މިހެން ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މާލެ ސިޓީ ކައުންސިލާއި މަސްވެރިކަމާބެހޭ ވުޒާރާ އާއި ވެމްކޯ ގުޅިގެން މާލެ ދެކުނުފަރާތުގެ ފަޅުތެރެ ސާފުކުރުމަށް މިއަދު ކުރިޔަށް ގެންދިޔަ ޙަރަކާތް ފަށްޓަވައިދެއްވަމުންނެވެ.

މި ރަސްމިއްޔާތުގައި ވަޒީރު އަޙްމަދު ޝިޔާމު ވަނީ ރާއްޖޭގެ ކަނޑުފަޅުތައް ސާފުކޮށް ބެހެއްޓުމުގެ މުހިންމުކަން ފާހަގަ ކުރައްވައި ފަރުދީގޮތުން އެންމެން ގުޅިގެން މޫދަށް ކުނިއެޅުން ނިމުމަކަށް ގެންނަށް އިލްތިމާސް ކުރައްވާފައެވެ.

މި ހަރަކާތުގައި މާލެ ސިޓީ ކައުންސިލް މޭޔަރ އާދަމް އާޒިމާއި ވެމްކޯގެ އިސް ބޭފުޅުންނާއި މަސްވެރިކަމާ ބެހޭ ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ބައިނަލްއަގްވާމީ ކަނޑުތަކުގެ ދުވަހާ ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން "އެންމެން މޫދަށް" ޝިޢާރުގެ ދަށުން ރާއްޖޭގެ ރަށްރަށުގައި އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

ބައިނަލްއަގުވާމީ ކަނޑުގެ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީން އިއްޔެ ވަނީ މަސް ރޭހެއްވެސް ބާއްވާފައެވެ. މީގެ އިތުރުން، ސުވާލު މުބާރާތަކާއި، ކުރެހުމުގެ މުބާރާތެއްވެސް މި ދުވަހާއި ގުޅިގެން އަންނަނީ ކުރިއަށް ގެންދަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން