ދިވެހިރާއްޖޭން އިޒްރޭލާ ދެކޮޅަށް ފެންހިފޭ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އިސްރާއީލް ޕާސްޕޯޓް މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން އެމްޑީޕީން މަޖިލީހަށް ހުށަހެޅި ބިލްގެ ތަޢާރަފްގައި ވާހަކަފުޅު ދައްކަވަމުން މީކާއީލް ވިދާޅުވީ އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން ހުއްޓުވުމުގައި ސިޔާސީ ޕާޓީތަކުގެ ހިޔާލުތަފާތުުުވުންތައް އެއްފަރާތްކުރަން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން އިޒްރޭލުގެ އަނިޔާވެރިކަން ދެނެގަނެ، ބައިނަލް އަގުވާމީ މުޖުތަމައުން ވެސް އެކަން ފާހަގަކުރަމުން ގެންދާ ކަމަށާއި އެހެންކަމުން އިޒްރޭލާ ދެކޮޅަށް ރާއްޖޭންވެސް ފެންހިފޭ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް މީކާއީލް ވިދާޅުވިއެވެ.

މީކާއީލް ވަނީ ސިޔާސީ ޕާޓީތަކުގެ މެދުގައި އޮތް ސިޔާސީބޯޅަ ޖެހުމާއި ގުދޯގުދޯ ގޮވުން ދޫކޮށްލައި ބައިޕާޓީޝަން މަސައްކަތެއް ކުރެވޭނެ ބިލެއްގެ ގޮތުގައި މި ބިލު ވެގެން ދިއުމަށް އުންމީދު ކުރަށްވާ ކަމަށްވެސް ވިދާޅުވެފައެވެ.

މީކާއިލްގެ މި ބިލުގެ ބަހުސް މަޖިލީހުގައި ފަށާފައިވާއިރު، އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ވަޒީރުންގެ މަޖިލީހުގެ ރުހުމާއިއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

މީކާއީލް ހުށައެޅުއްވި ބިލު މަޖިލީހުގެ 241 ކޮމިޓީއަށް ފޮނުވުމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ހުށަހަޅާފަ އެވެ. މި ބިލު ފާސްކުރުމަށް ވޯޓަށް އަހާނީ ކޮމެޓީ މަރުހަލާ ނިމުމުންނެވެ.

19 ވަނަ މަޖިލީހުގެ ދައުރު ނިމެނިކޮށް މީކާއީލް ހުށަހެޅުއްވި އެބިލުގައި ބުނެފައިވަނީ ބިލު ހުށަހެޅީ، އިސްރާއީލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން، ރާއްޖެއަށް އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށެވެ.

އިޒްރޭލު މައްސަލާގައި ސަރުކާރުން ބުނެފައިވަނީ، ރައީސްގެ ނިންމެވުމާއިއެކު އިސްރާއީލް ޕާސްޕޯޓު މަނާކުރުމަށް ކުރަންޖެހޭ ކަންކަން މަޖިލިސް ތެރެއިން އަވަހަށް ނިންމުމަށް މަސައްކަތް ކުރާނެކަމަށެވެ. އަދި މެންބަރު މީކާއީލް ހުށަހެޅުއްވި މައްސަލައަކީ ވެސް ދާދި އެއް މައްސަލައަކަށް ވާތީ އެއް މަގުސަދެއް ހާސިލުވާނަމަ އެ މައްސަލަ ހުށަހެޅި މީހަކަށް ނުބަލާނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން