އިސްރާއީލް ޕާސްޕޯޓް މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް އެމްޑީޕީން މަޖިލީހަށް ހުށަހެޅި ބިލު ދިރާސާކުރުމަށް 241 ކޮމިޓީ އަށް ފޮނުވަން ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މެންބަރު މީކާއީލްގެ މި ބިލު ހުށައަޅުއްވާފައި ވާއިރު ފަލާހް ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތްތައް ސިޔާސީ ކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށެވެ.

ފަލާހު ވިދާޅުވީ، އެ ބިލުގެ މަސައްކަތަކީ، އިހުލާސްތެރިކޮށް ކުރެވޭ މަސައްކަތަކަށްވާ ނަމަ، އެކަމުގައި އެއްބާރުލުން ދެއްވާނެ ކަަމަށެވެ. އެހެންކަމުން އެކަން ސަރުކާރާއި ރައްޔިތުން ބޭނުންވާ ގޮތަށް އަވަހަށް ނިންމުމަށް 241 ކޮމިޓީއަށް ފޮނުވަން ހުށަހަޅުއްވާ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ. މިބިލު ފާސްކުރުމަށް ވޯޓަށް އަހާނީ ކޮމެޓީ މަރުހަލާ ނިމުމުންނެވެ.

މީކާއިލްގެ މި ބިލުގެ މަސައްކަތް މަޖިލީހުގައި ފަށާފައިވާއިރު، އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ވަޒީރުންގެ މަޖިލީހުގެ ރުހުމާއިއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

19 ވަނަ މަޖިލީހުގެ ދައުރު ނިމެނިކޮށް މީކާއީލް ހުށަހެޅުއްވި އެބިލުގައި ބުނެފައިވަނީ ބިލު ހުށަހެޅީ، އިސްރާއީލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން، ރާއްޖެއަށް އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށެވެ.

އިޒްރޭލު މައްސަލާގައި ސަރުކާރުން ބުނެފައިވަނީ، ރައީސްގެ ނިންމެވުމާއިއެކު އިސްރާއީލް ޕާސްޕޯޓު މަނާކުރުމަށް ކުރަންޖެހޭ ކަންކަން މަޖިލިސް ތެރެއިން އަވަހަށް ނިންމުމަށް މަސައްކަތް ކުރާނެކަމަށެވެ. އަދި މެންބަރު މީކާއީލް ހުށަހެޅުއްވި މައްސަލައަކީ ވެސް ދާދި އެއް މައްސަލައަކަށް ވާތީ އެއް މަގުސަދެއް ހާސިލުވާނަމަ އެ މައްސަލަ ހުށަހެޅި މީހަކަށް ނުބަލާނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން