ޔޫތް މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު)
ޔޫތް މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު)
މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާދިނުމުގައި ގެންގުޅޭނެ އުސޫލުތަކާއި ހަމަތައް ބެލުމަށް މީޑިއާތަކުގެ އިސްވެރިންނާއި ބައްދަލުކުރަން ނިންމަވާފައިވާ ކަމަށް ޔޫތް މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.

ޔޫތް މިނިސްޓްރީން މިއަދު "އެކްސް" ގައި އާންމު ކުރި ވީޑިއޯއެއްގައި މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަބުރުވެރި މިނިވަން މީޑިއާތަކެއް އުފައްދަވާނެ ކަމަށް ވައުދުވެވަޑައިގަންނަވާފައި ކަމަށެވެ. އަދި އެކަމަށް ބާރު ދިނުމުގެ ގޮތުން ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލެއް ކަނޑައަޅާފައިވާ ކަމަށް އަސްވާޑް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވެރިކަމާއި ހަވާލުވެ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށް މަސައްކަތް ކުރިން، އެހެންނަމަވެސް ކުރީ ސަރުކާރުން ބަޖެޓުގައި އެ ފައިސާ ހިމަނާފައެއް ނުވޭ. އަންނަ އަހަރުގެ ބަޖެޓަށް އަޅުގަނޑުމެން މަސައްކަތް މިދަނީ ކުރަމުން." މިނިސްޓަރު ވިދާޅުވިއެވެ.

މީޑިއާތަކަށް ފައިސާ ދިނުމުގައި ގެންގުޅޭނީ ކޮން ހަމަތަކެއްތޯ އަދި ކޮން އުސޫލުތަކެއްތޯ ބެލުމަށްޓަކައި އޮންލައިން އާއި ޕްރިންޓް މީޑިއާ ހިމެނޭގޮތަށް ރާއްޖޭގައި އިސް އެޑިޓަރުންނާއި ބައްދަލުކުރައްވައި މަޝްވަރާ ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށް އަދްވާޑް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ޓީވީ ސްޓޭޝަންތަކުގެ އިސްވެރިންނާއި އަދި އިންޑަސްޓްރީގެ އިތުރު ބޭފުޅުންނާއި ވެސް ބައްދަލު ކުރައްވާނެ ކަމަށެވެ.

އެކަމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ނޫސްވެރިކަމަކީ އަބުރުވެރި، ސަލާން ޖަހަން ނުޖެހި ކުރާ ނޫސްވެރި ކަމަކަށް ހެދުމާއި ވަކި ބައެއްގެ މުށުތެރޭގައި ނޫސްވެރިކަމުގެ ބާރުތައް އޮތް އޮތުން ނިމުމަކަށް ގެނައުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ނޫސްވެރިކަން މިނިވަންކަންމަތީ ދެމިއޮތުމަށް ފަށާ މަސައްކަތުގެ ސިލްސިލާ ފެށުމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓުން ވަކި ޕަސެންޓެއް އަމިއްލަ މީޑިއާތަކަށް ކަނޑައަޅައި، އެ ފައިސާ ހަމަޖައްސައިދޭނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ޖަލްސާއެއްގައެވެ.

އޭރު ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ދޫކުރާ ސްޕޮންސާ ފީތަކަށް ނޫސްތައް ބަރޯސާވާން ޖެހުމުގެ ސަބަބުން ނޫސްތައް ހިންގާ ކުންފުނިތަކާއި މީޑިއާތައް އޮންނަނީ ވަރަށް ބޮޑު އަޅުވެތިކަމެއްގެ ތެރޭގައި ކަމަށެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ނޫސްވެރިންނަށް އެންމެ މިނިވަން މާހައުލެއް ލިބޭނެ އެއް ގޮތަކީ ދައުލަތުގެ ބަޖެޓުން ވަކި ޕަސެންޓެއް ނޫސް ހިންގާ މީޑިއާތަކާއި ނޫސްވެރިކަމުގައި މަސައްކަތް ކުރާ އެކި ފަރާތްތަކަށް ހަމަޖެއްސުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ގާނޫނީ ގޮތުން އެކަން ކަނޑައަޅައިގެން ކުރިއަށްދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން