ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާއަށް ވަޑައިގެންނެވީ ރައީސް ކުރިން ދެއްކެވި ވާހަކަފުޅު ތަކަކީ ދޮގުތަކެއް ކަމަށްވާތީކަމަށް ކުރީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން ޝާހިދު ތައްޔާރު ކުރައްވާފައިވާ ވީޑިއޯއެއްގައި ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އިންޑިއާއާއި ގުޅޭގޮތުން އޭރުގެ އިދިކޮޅު ފަރާތްތަކުން ދައްކަމުން ދިޔައީ ހަގީގަތެއްނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

އަދި އޭރު ދެއްކެވި ވާހަކަތަކުގައި ހަގީގަތެއް ނެތްކަން، މަގާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު އޮފީހަށް ވަދެވަޑައިގެންނެވުމުން ރައީސަށް އެނގިވަޑައިގެންފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

އަދި ޝާހިދު ވިދާޅުވީ، ރަސްމީގޮތުން އޮފީހަށް ވަދެވަޑައިގެންނެވުމުން ކުރިމަތިލައްވަންޖެހޭ ހަގީގަތްތަކެއް ހުންނަކަމަށާއި މިއަދު ފެނިގެން އެދިޔައީ އެމަންޒަރު ކަމަށެވެ. އެހެންކަމުން އިދިކޮޅުގައި ތިބެގެންނާއި އަދި ސަރުކާރާއި ހަވާލުވެވަޑައިގެން ފުރަތަމަ ދުވަސްތަކުގައި ދެގައުމުގެ ގުޅުމަށް ބުރޫއަރާގޮތަށް ހިންގި ކަންކަން ރަނގަޅު ކުރަން ސަރުކާރުން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކިތަންމެ ހިތްހަމަ ނުޖެހުނަސް، އަވައްޓެރި ގައުމެއްގެ ވެރިންގެ ސިފައިގައި މާލި ހަދައިގެން މާލި ރަށުތެރެއަށް ނެރެ އެ ނައްޓުވައި، އެކަހަލަ ކަންކަން ކުރުމަކީ ހުތުރުކަމެއް. ގައުމުތަކާ އެވަރަށް ދިމާކުރާކަށް ނުވާނެ، ގައުމުތަކުގެ ވެރިންނާ އެވަރަށް ދިމާކުރާކަށް ނުވާނެ." ޝާހިދު ވިދާޅުވިއެވެ.

މީގެއިތުރުންވެސް ޝާހިދު ވިދާޅުވީ، ވަރަށް ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ވެސް އިންޑިއާގެ ބޮޑުވަޒީރު ދެއްވި ދައުވަތު ގަބޫލުފުޅު ކުރައްވައި، ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް ވަޑައިގެންނެވިކަމަށްޓަކައި ރައީސްއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އަދި ދެގައުމުގެ ގުޅުން ރަނގަޅު ކުރަން ކުރަންޖެހޭ މަސައްކަތްތައް އެންމެ މަތީ ލެވެލްގައި ފައްޓަވައިފި ކަމަށާއި މިއަދު ފެނިގެން އެދަނީ އެކަން ކަމަށް ޝާހިދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން