ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުން 'ދިވެހީން ފަލަސްތީނާ އެކު' ޓެލަތޯން މެދުވެރިކޮށް ފަލަސްތީނަށް ދެ ލައްކަ ރުފިޔާ މިއަދު ހަދިޔާކޮށްފިއެވެ.

އިސްރާއިލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާ ގުޅިގެން ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ދައުލަތުގެ މީޑިއާއިން މިއަދު ކުރިއަށް ގެންދާ ޓެލެތޯނަށް ޕީއެންސީގެ 75 މަޖިލީސް މެންބަރުން ހަދިޔާ ކުރަށްވާފައިވަނީ ދެލައްކަ ރުފިޔާއެވެ.

މި ފައިސާ ހަދިޔާ ކުރެއްވުމަށްފަހު ޕީއެންސީގެ ޗެއަރޕާސަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މިފަދަ ބޮޑު ޓެލެތޯނެއްގައި ރައްޔިތުން ތަމުސީލުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވީ، ޕީއެންސީގެ ޕީޖީން ކުއްލިއަކަށް ދަންނަވާލި ދަންވާލުމަށް ހުރިހާ މެންބަރުންގެ އެހީތެރިކަން ލިބުނު ކަމަށެވެ. އަދި ޕީއެންސީގެ ޕީޖީ ގްރޫޕް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ކަމަށް ފަލާހް ވިދާޅުވިއެވެ.

ރައީސްގެ އެންގެވުމަށް ދަޢުލަތުގެ މީޑިއާއިން މިއަދު ކުރިއަށްގެންދާ ޓެލެތޯން ކުރިއަށްދާނީ މިއަދު ހެނދުނު 08:00 އިން ފެށިގެން މިރޭގެ 12:00 ގެ ނިޔަލަށެވެ. މި ޓެލެތޯންގައި މާލޭގެ 13 ސަރަހައްދެއްގައި ވަނީ ފަންޑު ފޮށި ބަހައްޓައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން