ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު، ސައްތައިން ސައްތަ ބައޯމެޓްރިކަލީ ކަށަވަރުކުރުމަށް، ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން ހިންގާ "އޮޕަރޭޝަން ކުރަނގި" ކ. މާފުށީގައި މިއަދު ފަށައިފިއެވެ.

3 މަރުހަލާއަށް ބަހާލައިގެން މުޅި ރާއްޖޭގައި 3 އަހަރަށް ކުރިއަށް ގެންދާ އޮޕަރޭޝަން ކުރަނގި އިފްތިތާޙް ކޮށްފައިވަނީ 2 މެއި 2024 ވީ ބުރާސްފަތި ދުވަހު ކ. ހިންމަފުށީގައެވެ.

ދާޚިލީ ވުޒާރާއިން ބުނީ މިހާތަނަށް 705 ބިދޭސީ މަސައްކަތްތެރިންގެ ބަޔޮމެޓްރިކް ޑާޓާ ނަގައި އެ މައުލޫމާތު ބަލަހައްޓާ ސިސްޓަމަށް އަޕްލޯޑް ކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގެ ފުރަތަމަ އަހަރު ކުރަން ނިންމާފައިވާ މަސައްކަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯމް މިނިސްޓްރީގެ ސިސްޓަމްގެ ތެރެއަށް ގެނައުމުގެ މަސައްކަތެވެ. އަދި އެ މަސައްކަތް ނިމޭއިރު ރާއްޖޭގައި ތިބީ ކޮން ގައުމުތަކެއްގެ ބިދޭސީންނެއް ކަމާއި، މަސައްކަތް ކުރާތަން ފަދަ ހުރިހާ މައުލޫމާތެއް ސިސްޓަމަށް ނަގާނެއެވެ.

އަދި ޖެހިގެން އަންނަ ދެ އަހަރު މަސައްކަތް ކުރާނީ ރަސްމީ ލިޔެކިޔުންތައް ނެތް، ސިސްޓަމް ތެރެއަށް ނުގެނެވޭ މީހުން ރާއްޖެ އިން ބޭރު ކުރުމަށް ކަމަށް ދާޚިލީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

އޮޕަރޭޝަން ކުރަނގީގެ މަސައްކަތް މާފުށީގައި މިއަދު ފަށާފައިވާއިރު ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު މިހާތަނަށް އެއްވެސް ސަރުކާރަކަށް ހޯދިފައެއް ނުވެއެވެ.

މިއަހަރުގެ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ހާއްސަ ހިޠާބުގައި ޖިނާއީ ކުށްތަކަށް އަރައިގެންފައިވާ ބިދޭސީން 48 ގަޑީރުތެރޭ ޑީޕޯޓް ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން