މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބިލްތަކާއި ގުޅޭގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރިކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބުނެފިއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ފަރާތުން މިއަދު މަޖިލީހުގެ އިދާރާގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ، ވަރަށް ގިނަ ގާނޫނުތަކަށް އިސްލާހު ގެނައުމަށާއި އާ ގާނޫނުތައް އެކުލަވާލުމަށް ސަރުކާރުން ބިލްތަކެއް ހުށަހަޅަން ތައްޔާރުވެފައި ވާކަމަށާއި އޭގެ ތެރެއިން ބައެއް ބިލުތަކާމެދު އެމްޑީޕީގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން، ސަރުކާރުން އިސްލާހު ހުށަހަޅަން ނިންމާފައިވާ ބައެއް ގާނޫނުތަކަކީ އަދި މިހާތަނަށް އަމަލުކުރަން ވެސް ފަށާފައި ނުވާ ގާނޫނުތައް ކަމަށާއި އެ ގާނޫނުތަކަށް އަމަލުކުރަން ނުފަށަނީސް ގާނޫނުތަކުގައި މައްސަލަހުރެގެން އިސްލާހު ކުރަންޖޭހޭ ސަބަބެއް ނުވިސްނޭކަމަށް މައުރޫފު ވިދާޅުވިއެވެ.

އެފަދަ ކަންބޮޑުވުންތަކެއް ފާހަގަ ކުރެވިފައިވާތީ، ޕީޖީ ގުރޫޕްގައި އެ ބިލްތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރަމުން ދާކަމަށާއި، އެމްޑީޕީގެ މެންބަރުންގެ އަދަދު މަޖިލީހުގައި މަދުކަމުގައި ވިޔަސް، އެފަދަ މައްސަލަތަކުގައި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތައް ހޯދައިދިނުމަށް އަބަދުވެސް ވަކާލާތު ކުރަމުން ގެންދާނެކަމުގެ ޔަގީންކަން އަރުވާކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، އެމްޑީޕީގެ ކަންބޮޑުވުން އޮތީ އޭގެ ތެރެއިން ކޮން ބިލްތަކަކާމެދުކަމެއް މައުރޫފު ހާމަކުރައްވާފައެއް ނުވެއެވެ.

ގާނޫނުއަސާސީ އާއި ގާނޫނުތައް އިސްލާހުކުރަން ހިމެނޭ ގޮތަށް 200 އަށް ވުރެ ގިނަ ބިލް މަޖިލީހަށް ހުށަހަޅަން އެޓާނީ ޖެނަރަލް އޮފީހުން ނިންމާފައިވާކަމަށް މީގެ ކުރިން އެ އޮފީހުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން