ފެނަކައިން ޚިދުމަތްދޭ ރަށްރަށުގެ މަގުމަތީ ބައްތިތައް ޔޫޓިލިޓީ ރެގުލޭޝަން އޮތޯރިޓީ (ޔޫއާރުއޭ) ގެ މިންގަނޑަށް ގެންނަން ކައުންސިލްތަކަށް ހުށައަޅައިފިއެވެ.

ފެނަކައިން ވަނީ އެ ކުންފުނީގެ ކަރަންޓްގެ ޚިދުމަތް ދީފައިވާ ރަށްތަކުގެ މަގު ބައްތި ތަކުގެ ސަލާމަތީ ކަންތައްތައް ހުރިގޮތް ބެލުމުގެ ގޮތުން ހުރިހާ ރަށެއްގައި ހުރި މަގުބައްތިތައް އިންސްޕެކްޓް ކޮށްފައެވެ. މި އިންސްޕެކްޝަނުން ގިނަ ރަށްތަކުގައި ހަރުކުރެވިފައި ހުރި މަގުބައްތިތަކަށް ކަރަންޓް ދެވިފައި ހުރީ އީއެލްސީބީ މެދުވެރި ނުކޮށްކަން ފާހަގަކުރެވިފައި ވާކަމަށް ފެނަކައިން ހާމަކޮށްފައިވެއެވެ.

އަދި މިގޮތަށް ކަރަންޓް ދޫކުރެވިފައި ހުރުމުން ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފާހަގަވެފައިވާ ކަމަށް ފެނަކައިން ހާމަކޮށްފައިވެއެވެ. އެގޮތުން ފެނަކައިން ޙިދުމަތްދޭ މަގުބައްތިތަކަށް މީގެފަހުން ކަރަންޓު ދޫކުރެވޭނީ އެ ކުންފުނިން ދޭ ނަމޫނާ ކުރެހުމާއި އެއްގޮތަށް ސަބް ޑީބީ ހަރުކުރެވިފައިވާ ސަލާމަތީ މިންގަނޑު ތަކަށް ފެތޭގޮތަށް ހަދާފައި ހުންނަ މަގު ބައްތި ތަކަށް ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ. އަދި މިގޮތަށް އަމަލުކުރުމަށް ކައުންސިލްތަކަށް 9 ޖޫންގައި ވަނީ އަންގާފައެވެ.

މީގެ އިތުރުން ސަބް ޑީބީ ހަރުނުކުރެވި ހުރި މަގުބައްތިތައް 27 ޖޫންގެ ކުރިން ސަބް ޑީބީ ހަރުކޮށް ނިންމުމަށް އަންގާފައިވީ ނަމަވެސް ގިނަ ކައުންސިލްތަކުގެ އެދުމުގެ މަތިންނާއި އަދި މި މަސައްކަތުގެ މުހިންމު ކަމުން މި މުއްދަތު ވަނީ އިތުރު އެއް މަސް ދުވަހަށް އިތުރުކުރަން ނިންމާފައެވެ.

މި މުއްދަތުގެ ތެރޭގައި ކައުންސިލްތަކުން ތަކެތި ފޯރުކޮށްދިނުމުން ފެނަކައިން ހިލޭ ސަބް ޑީބީތައް އިންސްޓޯލް ކޮށްދޭނެކަމަށް ފެނަކައިން ކައުންސިލްތަކަށް ވަނީ އަންގާފައެވެ. މީގެއިތުރުން ފެނަކައިން ތަކެތި ފޯރުކޮށް ބިލް ކުރެވޭގޮތަށް ފެނަކައިގެ ޓެކްނިކަލް މުވައްޒަފުންގެ އެހީތެރިކަމާއި އެކު ސަބް ޑީބީ ތައްޔާރުކޮށް ހަރުކޮށްދިނުމުގެ މަސައްކަތް ކޮއްދެވިދާނެ ކަމުގައި ކައުންސިލްތަކަށް ދަންނަވާފައިވާ ކަމަށް ވެސް ފެނަކައިން މައުލޫމާތުދެއެވެ.



މިއީ ޔޫއާރުއޭގެ މިންގަނޑަށް މަގު ބައްތިތައް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ވާތީ މި މުއްދަތުގެ ތެރޭގައި މިންގަނޑާއި އެއްގޮތަށް އިސްލާހު ނުކުރެވޭ މަގު ބައްތިތަކުން ޖުލައި މަހުގެ ނިޔަލަށް ކަރަންޓް ކަނޑާލެވޭނެ ކަމަށް ފެނަކައިން ހާމަކޮށްފައިވެއެވެ. އަދި މި ކަންތައްތައް ކައުންސިލްތަކުން ރަނގަޅު ކުރަމުންދޭތޯ ފެނަކައިގެ ބްރާންޗުތަކުން ގާތުން މޮނިޓަރ ކުރަމުން ދާނެއެވެ.

އަމިއްލަ ތަކެތީގައި ސަބް ޑީބީ އެއް ހަރުކޮށްދިނުމަށް ކައުންސިލްތަކަށް ފެނަކައިން ހުށައަޅާފައިވާ އަގަކީ 8500 ރުފިޔާއެވެ. މި ޕެކޭޖްގެ ދަށުން ތަކެތީގެ އަގަށް އެކަނި ޗާޖްކުރަން ފެނަކައިން ވަނީ ނިންމާފައެވެ. އަދި މީޓަރ ޓެސްޓް ކުރުމާއި ސަބް ޑީބީ ތައް ހިލޭ ހަރުކޮށްދިނުމަށްވެސް ފެނަކައިން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން