ރައީސް ޑރ. މުޢިއްޒުގެ މިވެރިކަމުގައި ޕޯޑިއަމްގައި ބުނެލާ ބަހަކުން މެންބަރުންނަށް ނޯޓެއް ނާންނާނެ ކަމަށާއި އެޒަމާން ނިމިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ޖަގަހަ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން މެންބަރު އަބްދުއްލަތީފް ވިދާޅުވީ މީގެ ކުރީން 2013 އިން 2018 އަށް ޕީޕީއެމްގެ ވެރިކަމެއްކުރި ކަމަށާއި، ނަމަވެސް 2023ގެ މި ވެރިކަމުން ލިބޭ އުފާވެރިކަމާއި ހިތްހަމަޖެހުން އެވެރިކަމަށްވުރެ ބޮޑު ކަމަށެވެ.

އެގޮތުން 2013ގެ ވެރިކަމުގައި މޫސުން ގޯސްވީ ބަދިގެ ތެރެއިން ކަންކަން ނިންމަން ފެށުމުން ކަމަށާއި، މިފަހަރު އެހެންނެއް ނުވާނެ ކަމަށް ލަތީފް ވިދާޅުވިއެވެ.

ހަމައެއާއެކު ޕޯޑިއަމްގައި ބުނާ ބަހެއްގެ ސަބަބުން ޝަކުވާއެއްކޮށް މައްސަލައެއް ނުޖައްސާނެ ކަމުގެ ޔަޤީންކަން އޮތްކަމަށާއި މެންބަރުންނަށް މިވެރިކަމުގައި އަންނާނެ ނޯޓެއް ނޯންނާނެ ކަމަށްވެސް ލަތީފް ވަނީ ވިދާޅުވެފައެވެ.

“މާދަމާ އަޅުގަނޑުމެންނަށް އިންޒާރެއް ނާންނާނެ، އެއީ ކާކު ބުނިގެން ބުނިއެއްޗެއްތޯ އެ ސުވާލެއް ދެނެއް ނާންނާނެ. ޝަކުވާއެއް ނުކުރާނެ.. އަޅުގަނޑުމެންނަށް އަންނަ ނޯޓެއް ދެނެއްނާންނާނެ. ނޯޓު ނިމުނީ އެ ހިސާބުން.” ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ މިވެރިކަމުގައި ނިންމުންތައް ނިމިގެން އަންނާނީ ސީދާ ޕާޓީގެ އޮފީސް ތެރެއިން ރައީސް އާއި ޕާޓީގެ ވެރިންނާއި ޕާޓީގެ ހުރިހާ ގުނަވަންތައްގުޅި އެކައްޗެއްގެ ގޮތުގައި ހިތްހަމަޖެހުމާއެކުގައި ކަމަށެވެ.

ލަތީފް މިމޭރުމުން ވިދާޅުވެފައިވާއިރު ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ރަސްމީ ހަރުގެ ޖަލްސާތައް ފަށާފައި ވަނީ ރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން