އެމްޑީޕީގެ ކުރިމަގަށްޓަކައި މިވަގުތު ކުރަންއޮތް އެންމެ މުހިންމު މަސައްކަތަކީ 21 ވަނަ ގަރުނަށް ފެތޭ ޕާޓީއަކަށް އެމްޑީޕީ ހެދުންކަމަށް އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރޭ ފައްޔާޒު ވިދާޅުވީ، އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާއެކު އިސްކޮށް އުޅުނު މެންބަރުންތަކެއް އެ ޕާޓީން ވަކިވެގެން ދިޔުމަކީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމެއްކަމަށެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބުން އެމްޑީޕީއަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނު އެއް ސަބަބަކީ ޕާޓީ ދެބައިވުންކަމަށް ވެސް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، އެކަންކަމާއިއެކު އިންތިހާބުތަކުން ބަލިވާން މެދުވެރިވި ސަބަބު ދެނެގަތުމަށް ދިރާސާތައް ހަދަމުން ދާކަމަށާއި ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަކުގައި ވެސް މިފަދަ ހާލަތްތަކުގައި އެފަދަ ދިރާސާތައް ހަދާކަމަށެވެ.

`"އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފައިސާގެ ދަތިކަން، މިހާރު ހަމަ ކޮންމެ ކަމެއް ކުރުމަށް ވެސް ފައިސާ ބޭނުންވޭ، ރައްޔިތުންގެ ފުދުންތެރިކަމާ އަދި ރައްޔިތުން މިފަދަ ސިޔާސީ ކަންކަމުގައި އިންވޯލްވުމުގައި ދުރުވުންތަކެއް ވެސް އެބަހުރޭ." ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، އޭނާއަށް ފާހަގަ ކުރެވޭގޮތުގައި އެމްޑީޕީއަށް މިވަގުތު މުހިންމީ އިންސްޓިޓިއުޝަނެއްގެ ގޮތުގައި ޕާޓީ ވަރުގަދަ ކުރުންކަމަށެވެ. ސަބަބެއްގެ ގޮތުގައި ފައްޔާޒު ވިދާޅުވީ، ޕާޓީ ކުރިން އޮތީ ޕާޓީގައި ހުންނަ މުހިންމު ބޭފުޅަކު ޕާޓީން ވަކިވާއިރަށް ޕާޓީ އޭގެ ޒާތުގައި ހީނަރުވާގޮތަށް ކަމަށްވުމެވެ.

އެހެންކަމުން ރަނގަޅު އޮނިގަނޑެއްގެ ދަށުން އެމްޑީޕީގެ އެތެރޭގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެބަ ދާކަމަށާއި، އަދި އެއަށްފަހު ޖުލައި މަހުގެ ތެރޭގައި އާންމު މެންބަރުންނާ ހަމައަށްގޮސް އެ ކަންކަން ހިއްސާ ކުރެވިގެންދާނެކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަސް އިއްޔެ ފާހަގަކޮށްފައިވާއިރު އެ ޕާޓީ މިވަގުތު އޮތީ މީގެ ކުރިން ނުދެކޭހާ ދަތި ދުވަސްތަކަކާ ކުރިމަލާން ޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން