މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކުރުމަށްޓަކައި ފެހި ފިތަށް އޮބާލަން ތައްޔާރު ކަމަށް މައްޗަންގޮޅީ ދެކުނު ދާއިރާގެ މަޖިލީސް މެންބަރު މުސްޠަފާ ޙުސެއިން ވިދާޅުވެއްޖެއެވެ.

މުސްޠަފާ އިއްޔެ ވިދާޅުވީ ޤައުމަށް ކުރިމަތިވެފައިވާ މި ޚައްސާސް ދަނޑިވަޅުގައި މަޖިލީހުގެ މެންބަރުން ނަމޫނާ ދައްކަން ޖެހޭ ކަމަށެވެ.

އެގޮތުން މަޖިލީސް މެންބަރުންގެ މުސާރަ ކުޑަކުރަން ހުށަހަޅުއްވާ ކަމަށާއި އެބަދަލު ގެނައުމަށް މަޖިލީހުގެ ތަޅުމުގައި ފެހި ފިތަށް އޮބާލުމަށް އޭނާ ހުންނެވީ ފުރިހަމައަށް ތައްޔާރަށް ކަމަށް މުސްތަފާ ވިދާޅުވިއެވެ.



މުސްތަފާ މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަން އިއުލާން ކުރައްވައިފައެވެ.

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކޮށް އެކިއެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކުގެ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުމަކީ ހަރަދު ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތައް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ހަމައެއާއެކު ދައުލަތުގެ ޚަރަދު ކުޑަކުރުން އަވަސްކޮށް، އެކަމަށް ތާވަލެއް ކަނޑައަޅަން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންވެސް ގެންދަވަނީ ސަރުކާރަށް ގޮވާލަށްވަމުންނެވެ.

މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލިހުގައި 93 މެމްބަރުން ތިއްބަވާއިރު މެމްބަރުންނަށް މަހެއްގެ މައްޗަށް 62،000 ރުފިޔާ އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާ އާއެކު މަހެއްގެ މައްޗަށް 82،500ރ. ލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން