ރާއްޖޭގައި ހިންގާ ގޭންގު ކުއްތައް ހުއްޓުުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާއްސަ ޓީމެއް ގާއިމުކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާނު އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް، އަހުމަދު ޝިފާން ވިދާޅުވީ އަލަށް އުފައްދާފައިވާ މި ޓީމުން ގޭންގު ކުއްތައް ހުއްޓުވަން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރާނޭ ކަމަށެވެ.

ފުލުހުން ބުނީ މާދަމާ އިން ފެށިގެން ފުލުހުންގެ ހާއްސަ އެންފޯސްމެންޓެއް ގާއިމް ކުރެވި އެ ޓީމުގެ މަސައްކަތްތައް ފެށިގެން ދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ސްޓްރެޓެޖިކް ޕްލޭން ތަންފީޒު ކުރުމަށް ޚިދުމަތުގެ ނިޒާމް ރީސްޓްރަކްޗަރކޮށް މާދަމާއިން ފެށިގެން ބަދަލުތަކެއް އަންނާނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައި ވެއެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން ތަންފީޒު ކުރުމަށް މަސައްކަތްތައް ތަރުތީބު ކުރުން ކަމަށެވެ. މި މަސައްކަތުގެ ދަށުން ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި މުޅި އޮނިގަނޑު ލޯކަލް ޕޮލިސިންގ ރީޖަންތައް ހިމެނޭގޮތަށް ކޮމާންޑް/ ޑައިރެކްޓްރޭޓް ލެވަލްގެ 17 ބަހާއެއްގެ މައްޗަށް ބައްޓަން ކުރުން ހިމެނެއެވެ.

ގޭންގު ކުއްތައް ހުއްޓުވަން ފުލުހުން ހާއްސަ ޓީމެއް އެކުލަވާލި އިރު ރާއްޖޭގެ އެކި ހިސާބުތަކުގައި އަދި ހާއްސަކޮށް ވެރިރަށް މާލޭގައި ގޭންގު ކުއްތައް އިތުރުވެފައިވާކަން ފާހަގަ ކުރެވެއެވެ. ފުލުހުން ދަނީ މިފަދަ ކުއްތައް މަދުކުރުމަށް އެކި ކަހަލަ އޮޕަރޭޝަންތައްވެސް ހިންގަމުންކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން