އެމް.ޑީ.ޕީ ސަރުކާރުން ރާއްޖެ ގެންދިޔައީ ހަލާކާ ދިމާލަށްކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ދަރަންޏާ ބެހޭގޮތުން ސަރުކާރުން ހުށަހަޅާފައިވާ ބިލު ހުށައަޅުއްވަމުން މަމްދޫޙު މިއަދު ވިދާޅުވީ، ދަޢުލަތުގެ ދަރަންޏާ ބެހޭ ބިލުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދައުލަތުގެ ދަރަނި މެނޭޖް ކުރުން ކަމަށެވެ. އަދި ދަރަނިި ނަގައި، ބޭނުން ކުރަނީ ދެމެހެއްޓެނިވި ގޮތެއްގެ މަތިންކަން ކަށަވަރު ކުރުމަކީ ވެސް ބިލުގެ އެއް ބޭނުން ކަމަށް މަމްދޫޙު ވިދާޅުވިއެވެ.

ހަމައެއާއެކު އެމް.ޑީ.ޕީ ސަރުކާރުން އެއްވެސް އިޚްލާސްތެރިކަމެއް ނެތި ދަރަނި ނަގަމުން ދިޔައީ ގައުމު ހަލާކަށް ވައްޓާލުމަށް ކަމަށް މަމްދޫޙު ވަނީ ވިދާޅުވެފައެވެ. އެގޮތުން އެމް.ޑީ.ޕީ ސަރުކާރުން ވަނީ 40 އަހަރާ ނުބައްދަލު ދަރަނި ފަސް އަހަރުން ނަގާފައިކަމަށް މަމްދޫޙު މިއަދު ވިދާޅުވިއެވެ.

“މިފަދަ ގާނޫނީ ބާރުވެރިކަމެއް ނުގެނެސް މުޅި ދިވެހިރާއްޖެ ހަލާކާ ދިމާލަށް ގެންދިޔައީ ހަގީގަތުގައި ވެސް އިހުލާސްތެރިކަމެއް އެބޭފުޅުންގެ ނެތަތީ.” ދަޢުލަތުގެ ދަރަންޏާބެހޭ ބިލް ހުށައަޅުއްވަމުން މަމްދޫޙު ވިދާޅުވެފައިވެއެވެ.

މަމްދޫޙް މިބީދައިން ވިދާޅުވެފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަން އިއުލާން ކުރައްވައިފައެވެ.

އެކަމަށްޓަކައި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކޮށް އެކިއެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކުގެ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުމަކީ ހަރަދު ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތައް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ދަޢުލަތުގެ ދަރަނީގެ މައްސަލާގައި އެމް.ޑީ.ޕީ އިން އިއްޔެ ބުނެފައިވަނީ ރާއްޖޭގެ އިޤްތިޞާދު އަޑިއަޅާލާފައިވަނީ މި ސަރުކާރަށް އިޤްތިޞާދު މެނޭޖްކުރަން ނޭނގުމުގެ ސަބަބުން ކަމަށެވެ.

އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުސާރައާއި ޚަރަދުވެސް މިހާރު ކުރިއަށްވުރެ 15 އިންސައްތަ މައްޗަށް ގޮސްފައިވާ ކަމަށާއި ސިޔާސީ މުވައްޒަފުންގެ އަދަދު ދެހާހަށްވުރެ މައްޗަށް ގޮސްފައިވާކަމަށް އެމް.ޑީ.ޕީ އިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން