އެމް.ޑީ.ޕީ ސަރުކާރުން ވަނީ ކޮވިޑޭ ކިޔައިގެން ދައުލަތް ކައި ހުސްކޮށްލާފައި ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ދަރަންޏާ ބެހޭގޮތުން ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި ސުޖާއު މިއަދު ވިދާޅުވީ ކުރީ ސަރުކާރުން އޮތީ ގައުމު ކައި ހުސްކޮށްލާފައި ކަމަށެވެ.

އެގޮތުން ކޮވިޑޭ ކިޔައިގެން ރައްޔިތުން ގޭބަންދު ކުރުމަށްފަހު ދަޢުލަތުން ރައްޔިތުންނަށް ހިލޭ މާސްކެއްވެސް ދީފައި ނުވާކަމަށް ސުޖާއު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ކޮވިޑްގެ ނަމުގައި ނާޖާއިޒް މަންފާތަކެއް އެމް.ޑީ.ޕީ ސަރުކާރުން ހޯދާފައިވާ ކަމަށް ސުޖާއު ތުހުމަތު ކުރެއްވިއެވެ.

“ފޮތް ރަނގަޅަށް ހުޅުވައި ބަލާލިއިރު ކަމަކުދާކަށް ނެތް ދައުލަތް ކައި ހުސްކޮށްލާފަ މި އޮތީ އިއްޒަތްތެރި ރައީސް. މިއަދު ލަދު ގަންނަންޖެހޭނެ އެމްޑީޕީގެ މެންބަރުން.” ސުޖާއު މިއަދު ވިދާޅުވިއެވެ.

އޭގެ އިތުރުން މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ޢަދަދު 700 އަށް އިތުރު ނުވާނެ ކަމަށާއި އެ ޢަދަދު އިތުރަށް މަދުކުރާނެ ކަމަށްވެސް މިއަދުގެ ޖަލްސާގައި ސުޖާއު ވިދާޅުވިއެވެ.

“700 އަށްވުރެ މަދުވާނެ. އެއަށްވުރެންވެސް މަދަކުރެވޭތޯ މިއުޅެނީ.” މަޖިލީހުގެ މިއަދުގެ ބަހުސްގައި ސުޖާއު ވިދާޅުވެފައިވެއެވެ.

ސުޖާއު މި ބީދައިން ވިދާޅުވެފައިވާއިރު އެމް.ޑީ.ޕީ އިން އިއްޔެ ބުނެފައިވަނީ ރާއްޖޭގެ އިޤްތިޞާދު އަޑިއަޅާލާފައިވަނީ މި ސަރުކާރަށް އިޤްތިޞާދު މެނޭޖްކުރަން ނޭނގުމުގެ ސަބަބުން ކަމަށެވެ.

އެގޮތުން ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ދެހާހަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށާއި އެމުވައްޒަފުންނަށް މުސާރަ ދިނުމަށް މަހަކު 700 މިލިއަން ރުފިޔާ ޚަރަދު ކުރަމުންދާކަމަށް އެމް.ޑީ.ޕީ އިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން