ޝަރުއީ ކޯޓުތައް އިމާރާތް ކުރަން ކުރެހުން ނިމިފައިވީ ނަމަވެސް އެ މަޝްރޫއަށް އަދި ފައިސާ ހަމަޖެހިފައި ނުވާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.

ކޯޓުތަކުގެ އާ އިމާރާތްތައް އަޅަން ސަރުކާރުން ބިން ހަމަޖައްސާފައި ވަނީ ހުޅުމާލެ އިންނެވެ.

ކްރިމިނަލް ކޯޓު ހިންގާ އިމާރާތުގެ ހާލަތާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މިއަދު ކުރިޔަށްދިޔަ ބައްދަލުވުމުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒުނާ ވިދާޅުވީ، ކޯޓު އިމާރާތުގެ ކުރުހުމާއި ޑިޒައިންގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ޓެންޑާ ކުރަން ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށާއި އެ ތަން ޑިޒައިންކޮށް، ކުރަހާފައި ވަނީ ހައި ކޯޓު ވެސް ހިމެނޭ ގޮތަށް ކަމަށެވެ.

އައިޝަތު ރިޒުނާ ވިދާޅުވީ މި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާއެއް ނެތް ކަމަށާއި. ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯދަން މި އަހަރުގެ ބަޖެޓްގައި ހިމަނަން ރައީސް އޮފީހުން އެދިފައިވާ ކަމަށެވެ.

މިއަދު ކުރިޔަށްދިޔަ މަޖިލިސް ކޮމިޓީގައި ވާހަކަ ދައްކަވަމުން ރިޒުނާ ވިދާޅުވީ ވަކިވަކި ކޯޓުތަކަށް އިމާރާތް އެޅުމުގެ ފުރުސަތު ނެތުމުން، ކުރެހުމުގައި އިސްކަން ދީފައިވަނީ ކޮންމެ ކޯޓަކަށް ވެސް ހާއްސަ ސިފަތައް ހިމަނައިގެން ކުރަހަން ކަމަށެވެ.

ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ދާއިމީ އިމާރާތެއް ނެތި، ޖާގައިގެ ދަތިކަން އިންތިހާ އަށް އޮތުމަކީ ބޮޑު މައްސަލައެކެވެ. ސުޕްރީމް ކޯޓާއި ހައި ކޯޓު ވެސް ހިންގަމުން ދަނީ ވަގުތީ އިމާރާތްތަކުގައިކަން ފާހަގަ ކުރެވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން