އައިލެންޑް އޭވިއޭޝަންގެ އެއާބަސް އޭ320 ގެ ހިދުމަތް އަލުން ފަށާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނީގެ މި މަތިންދާބޯޓު ދަތުރުތައް ހުއްޓާލީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މެއިންޓެނަންސްގެ މަސައްކަތެއް ކުރުމަށެވެ. މި މަތިންދާބޯޓުގެ މެއިންޓެނެންސް މަސައްކަތް ކޮށްފައި ވަނީ 2007 ވަނަ އަހަރުން ފެށިގެން އޭޝިއާގައި އެންމެ ކުރީގައި އުޅޭ މެލޭޝިއާގެ ސެޕަންގް އިންޖިނިއަރިންގެ ޓީމަކުންނެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސް އިން ލަފާކުރާ ގޮތުގައި އެ ކުންފުނީގެ މި މަތިންދާބޯޓު މިއަދު މެންދުރުގެ ވަގުތެއްގައި ރާއްޖެ އަށް އަންނާނެ އެވެ. އަދި ބޯޓު އައުމާއެކު ދަތުރުވެރިންނަށް ހިދުމަތްތައް ފަށާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އޭ320 ގެ މަތިންދާބޯޓު މިރޭ 21:00 ގައި ދިވެހިރާއްޖެއިން ޑާކާ އަށް ކޮމާޝިއަލް ދަތުރުތައް ފަށާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

މޯލްޑިވިއަން އިން ކުރިން ދުއްވި އޭ321 މަރުކާގެ ބޯޓު ވަނީ މުއްދަތު ހަމަވުމުން 2022 ވަނަ އަހަރު ފޮނުވާލައިފަ އެވެ. އެ އެއާލައިނުން އަންނަނީ އާ ދެ އެއާބަސް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ މި އަހަރު ނިމުމުގެ ކުރިން ދެ އެއާބަސް ބޯޓު ހޯދާނެ ކަމަށް ވިދާޅުވެފަ އެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މި ވަގުތު 23 ބޯޓު އެބަ އޮތެވެ. އޭގެ ތެރޭގައި އޭޓީއާރް ހަތަރު ބޯޓުވެސް ހިމެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން