ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ ޤުރްއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ ޤުރްއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރާއްޖޭގައި މި ވަގުތު އޮތް އަހުލާގީ ހުރިހާ މައްސަލަތަކުގެ ހައްލަކީ ކީރިތި ޤުރުއާން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ ޤުރްއާން މުބާރާތް ނިންމުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކީރިތި ގުރުއާނަކީ ހިތްތަކުގެ ނޫރު ކަމަށާއި އަދި ނަފްސުތަކުގެ ޝިފާ ކަމަށެވެ.

ހަމަ އެހެންމެ ޤުރްއާނަކީ އިންސާނާގެ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކައިދޭ އިލާހީ ދަންމަރު ކަމަށާއި ސައްތައިން ސައްތަ އިސްލާމީ މި ދިވެހިރާއްޖޭގައި ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނު ކުރިއަރައިދާ މަންޒަރު ފެނުމަކީ ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގަންނަވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޤުރުއާނަށް އަޅުގަނޑުމެން އެހާ ބޮޑަށް އިސްކަންދެނީ ކީއްވެގެންތޯ ސުވާލުކުރައްވައި ރައީސް ވިދާޅުވީ އޭގެ ސަބަބު ވަރަށް ސާފު ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގައި މި ވަގުތު މިހިރަ އަހުލާގީ ހުރިހާ މައްސަލަތަކުގެ ހައްލަކީ ކީރިތި ޤުރްއާން. އަޅުގަނޑުމެން ޖެހެނީ އެ ފޮތަށް އެނބުރި ދާން. އެ ފޮތުގައިވާ އިލާހީ އިރުޝާދުތަކަށް ހުރިހާ މާނައެއްގައި، ހުރިހާ ވަގުތެއްގައި އަޅުގަނޑުމެންގެ ބަހާއި އަމަލުން ސީދާވާން. އަޅުގަނޑުމެންގެ އެންމެ ކުޑަކުއްޖާއިން ފެށިގެން އެންމެ ދޮށީ މީހާއާ ހަމައަށްވެސް ކޮންމެ ދުވަހެއްގެ ދުވަހީ ދިރިއުޅުން ތަމްސީލުވާ ތަރަހައަކީ މަތިވެރިވެގެންވާ ކީރިތި ޤުރްއާން ކަމުގައިވުން އެއީ ދިވެހީންނަށް، ދިވެހިރާއްޖެއަށް އެންމެ ލާބަ ހުރި ގޮތް. " ރައީސް ވިދާޅުވި އެވެ.

އެހެންކަމުން، ކީރިތި ޤުރްއާނަކީ އުފެދެމުން، ތަރުބިއްޔަތުވަމުން އަންނަ ޖީލުގެ ޢަމަލީ ހަޔާތުގެ އެންމެ މުހިންމު ބައިވެރިޔާ ކަމުގައި ހެދުމަށް މި ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މާލީގޮތުން، ވަސީލަތުގެ ގޮތުން، އަދި ކުރެވޭ ހޭދަޔާއި، ދެވޭ އިނާމާއި، އަގުވަޒަންކުރުމާއި، ހިތްވަރުދިނުމުގެ ގޮތުންވެސްމެ. އަޅުގަނޑު ބޭނުންވަނީ، އަޅުގަނޑުމެންގެ ޒުވާން ޖީލުގެ އަމަލުން މިކަމުގައި ނަތީޖާ ފެންނަން." ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން