ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކޮށް ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ފަށާފައިވާ "ކުރަނގި" ޕްރޮގްރާމްގެ ދަށުން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އުޅޭ ބިދޭސީންގެ މައުލޫމާތު ނަގާ ނިންމުމަކީ އަމާޒުކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

އެސްއެސްޓީވީގެ ޕޮރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަބްދުލް މަޖީދު އިބްރާހީމް މިރޭ ވިދާޅުވީ، ރާއްޖޭގައި ނުގަވައިދުން އުޅޭ ބިދޭސީން އިންތިހާއަށް ގިނަވެފައިވާ ކަމަށާއި ސަރުކާރުން އަންނަނީ އެ ފަރާތްތައް ހޯދައި، ގާނޫނުގެ ތެރެއަށް ފެއްތުމުގެ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

އެގޮތުން މިހާރު ފަށާފައިވާ ކުރަނގި ޕްރޮގްރާމްގެ ދެވަނަ ފޭސް އިފްތިތާހުކޮށް ރަށްރަށުގައި އުޅޭ ބިދޭސީންގެ މައުލޫމާތު ނެގޭނެގޮތަށް މިހާރު މަގުފަހި ކޮށްދެވިފައިވާނޭކަމަށް އޭނާ ވިދާޅުވިއެވެ.

މަޖީދު ވިދާޅުވީ، އެކަން ކުރުމަށް ކައުންސިލްތަކަށް ފަސޭހަ ކޮށްދިނުމަށް އެކި ވަސީލަތްތައް ވެސް ފޯރުކޮށްދެވިފައިވާނޭ ކަމަށާއި އެގޮތުން، ޕޯޓަލްއެއް ތައްޔާރު ކޮށްފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން ހުރިހާ ކައުންސިލްތަކަށް މިހާރު ވާނީ ފިންގަރ ޕްރިންޓް ނެގޭނެ މެޝިންތަކެއް ވެސް ފޯރުކޮށްދީފައިކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މަޖީދު ވިދާޅުވީ މިނިސްޓްރީގެ ޕްލޭނަކީ ތިން މަސް ދުވަސްތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އެރަށެއްގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތުތައް ހޯދައި އެއްކޮށް ވީހާވެސް އަވަހަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުން ކަމަށެވެ.

ކުރަނގި ޕްރޮގްރާމްގެ ދެވަނަ ފިޔަވަހީގައި ހިމެނޭނީ ބިދޭސީން ގަވައިދަށް ފެއްތުމާއި ނުގަވައިދުން އުޅޭ ފަރާތްތަކަށް ފިޔަވަޅު އެޅުންކަމަށް މިނިސްޓްރީން މީގެކުރިން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން