ސައިލަންސަރު މޮޑިފައިކޮށްގެން ސައިކަލު ދުއްވާ މީހުން ހުއްޓުވާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

"މާލެ ފަހި" ޕްރޮގްރާމް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ގާނޫނާ ގަވައިދަށް ނޫޅުމުގެ ސަގާފަތެއް ރާއްޖޭގައި އެބައޮތް ކަމަށާއި، އެ ސަގާފަތް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށެވެ.

އެގޮތުން ފޭކް ނަމްބަރު ޕްލޭޓް ޖަހައިގެން އަދި އެހެން މީހުންނަށް އުނދަގޫވާ ގޮތަށް، ބާރަށް އަޑުގަދަވާ ގޮތަށް ސައިލަންސަރު މޮޑިފައިކޮށްގެން ސައިކަލު ދުއްވާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ނަމަވެސް އެކަންތައް ވެސް ހުއްޓުވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ "މާލެ ފަހި" ޕްރޮގްރަމް ތަންފީޒްކުރުމަށް ގާނޫނަށް ގެންނަ ބަދަލުތައް ތުނޑުން ތުނޑަށް ތަންފީޒު ކުރައްވާނެ ކަމަށާއި އެގޮތުން މިހާރުވެސް ރައީސްގެ ޚާއްސަ ހުއްދައާއެކު މާލޭގެ ކަންމަތިތަކުގަ އާއި، ސްކޫލްތަކުގެ ކައިރި އާއި، ހޮސްޕިޓަލްތަކާއި މިސްކިތްތަކަށް ވަންނަން ހުރި ތަންތަނުގައި ހުރި ވެހިކަލްތައް ޓޯ ކުރަމުންދާ ކަމަށެވެ.

މީގެއިތުރުން މަގުތަކުން ގެތަކަށް ވަދެވޭނެ ހާއްސަ އެކްސެސްތަކެއް ހަދައި، އެފަދަ ތަންތަނުގައި ޕާކްކުރާ އުޅަނދުތައް ވެސް ޓޯ ކުރާނެ ކަމަށާއި އަދި މަގުމައްޗަށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމަށް ވެސް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ދަތުރުފަތުރާ ބެހޭ ވުޒާރާގެ ރަޖިސްޓްރޭޝަނަށް ބޭނުންކުރަމުން އައި ޕޯޓަލްގެ ބޭރުން ޤަވާއިދާ ހިލާފަށް އުޅަނދުތައް ރަޖިސްޓްރީކުރާ ފަރާތްތައް ހޯދައި ޤާނޫނުގެ ތެރެއިން ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން